ޚަބަރު

އެފްއެސްއެމާއި އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގެ މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި


  • ދައުވާ އުފުލާފައިވަނީ 2 ދިވެހިންނާއި ބިދޭސީއަކަށް

  • ގެއްލުނު ފައިސާގެ އަދަދު 28.3 މިލިއަން ރުފިޔާއަށް އަރާ

  • މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ގުޅިގެން ތެލުގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާތީ 3 މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ އެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ އެފްއެސްއެމް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލައެކެވެ.

އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ތެލުގެ މުއާމަލާތްތަކެއްގައި ޚިޔާނާތުތަކެއް ހިންގާފައިވާކަމުގެ މައްސަލައެއް ފެންމަތިވެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެމައްސަލައިގައި ގެއްލުނު ފައިސާގެ އަދަދު 28.3 މިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅީ ބުދަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ 2 ދިވެހިންނާއި ބިދޭސީއެއްގެ މައްޗަށެވެ.

އެފްއެސްއެމާއި އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގެ މައްސަލައިގައި ދަޢުވާ ކުރި މީހުން

* އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ - މުޙައްމަދު އައިމަން
* އެފްއެސްއެމްގެ ތެޔޮބައުޒަރުގެ ޑްރައިވަރު - ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް
* އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރު - ހަސަން ދީދީ

ޕީޖީ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މުޙައްމަދު އައިމަންގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ، ޞައްޙަ ނޫން ލިޔުމެއްގެ ތަދުކަން ދެއްކުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްޕީއެލަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް ޑެލިވަރީ ނޯޓުގައި ސޮއިކުރުމަށް އިރުޝާދުދީ ޕްރޮސެސްކޮށް އެ ކުންފުންޏަށް ލިބިފައިނުވާ 783،100 ލީޓަރުގެ ތެލުގެ އަގަށްވާ 6.8 މިލިއަން ރުފިޔާ އެފްއެސްއެމަށް ދައްކައި އެ ޑިސަލަށް ޚިޔާނާތްތެރިވެފައިވާތީއެވެ. އޭނާގެ މައްޗަށް ދެ ދައުވާ ސާބިތުވެއްޖެނަމަ 3 އަހަރާއި 11 މަހާއި 30 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބަށް ދައުވާ ކުރަނީ އެމްޕީއެލަށް ނުލިބުނު ނަމަވެސް ފައިސާ ދައްކާފައިވާ ތެޔޮ އެ ކުންފުންޏަށް ޑެލިވަރ ކޮށްފައިވާ ކަމަށް ދެއްކުމަށް ޑެލިވަރީ ނޯޓު ހަވާލުކޮށްފައިވާތީ އާއި ސައްޙަނޫން ލިޔުމެއް އުފައްދާފައިވާތީއެވެ. އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ ކޮށްފައިވާއިރު އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށްވެސް 3 އަހަރާއި 11 މަހާއި 30 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ހަސަން ދީދީގެ މައްޗަށް އުފުލާފައިވަނީ މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެކަންޏެވެ. އޭނާގެ މައްޗަށް އެދައުވާ އުފުލާފައިވަނީ ޑެލިވަރީ ނޯޓުތައް ސައްޙަ ނޫންކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ، ޕްރޮސެސްކުރުމަށް މުހައްމަދު އައިމަންއާ ހަވާލުކޮށްފައިވާތިއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި އިތުރު 2 މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭއިރު އެ ދެމީހުންގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެއްކާއި ޤަރީނާ ނުލިބޭތީ މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލަ މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް މި މައްސަލައިގައި ބަލައިގެންފައިވާނީ ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައި ކަމަށާއި އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.