ޚަބަރު

ޕީއެންއެފް އުފައްދަން 3060 ފޯމު ހުށަހަޅައިފި


  • ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނީ 3000 ފޯމުގެ ސައްޙަކަން ކަށަވަރުވުމުން

  • ޕާޓީ އުފައްދަން ހުއްދަ ދީފައިވަނީ ޒެއިން ޢަބްދުﷲ ޔާމީނަށް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 3060 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހޭ އަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން 3000 ފޯމު ބޭނުންވެއެވެ. މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 3000 މެންބަރުންގެ ފޯމުގެ ސައްޙަކަން ކަށަވަރުވުމާއެކު ލަސްނުވެ ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅުއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނެވެ. މިއީ ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ ޕާޓީއެކެވެ.