ދިވެހިރާއްޖޭގައި މީހުން ކުރިމަތިލާންޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެއްކަމަކީ ކިޑްނީގެ ބައްޔެވެ. މިކަމަށް ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތްދެއްވުމާއި އެ ނޫން ވަރަށް އާދައިގެ ފަރުވާދިނުން ފިޔަވައި، ކިޑްނީގެ ފަރުވާގެ ޚިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލްކަމުގައިވާ އައިޖީއެމްއެޗުންވެސް އަދި ސަރުކާރުގެ އެހެން ހޮސްޕިޓަލަކުންވެސް ނުދެއްވައެވެ. އައިޖީއެމްއެޗްގައި ހިންގަމުން އައި ކިޑްނީއާއި ކުޑަކަމުދާ ނިޒާމްގެ ބަލިތަކާބެހޭ ޑިޕާޓްމަންޓް އުވާލެއްވިތާ އަދި އެފަދަ ޑިޕާޓްމަންޓެއް ހިންގަވަމުން ނުގެންދަވާތާ މިހާތަނަށް މިވަނީ 8 އަހަރުދުވަސްވެފައެވެ.
ކިޑްނީ ފެއިލްގެ ކިޑްނީ ބަދަލުކުރަން ޖެހިގެން، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކަމަށް 11 މިލިޔަން ރުފިޔާ، އާސަންދަ މެދުވެރިކުރައްވައި، ސަރުކާރުގެ ބަޖެޓުން ވަނީ ހޭދަކުރައްވާފައެވެ. 2014 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުން 13 މީހުންގެ ކިޑްނީ ބަދަލުކޮށްދެއްވާފައިވެއެވެ. އަދި ދެހާސް ފަނަރަވަނަ އަހަރުވެސް 13 މީހުންގެ ކިޑްނީ ބަދުލުކޮށްދެއްވާފައިވެއެވެ. މި ހިނގާ 2016 ވަނަ އަހަރުގެ މިހާތަނަށް ވަނީ 3 މީހުންގެ ކިޑްނީ ބަދަލުކޮށްދެއްވާފައެވެ.
މި ޢަދަދުތަކަށް ބަލާއިރު، ސަރުކާރުގެ ޚަރަދުގައި ކޮންމެ މަހަކު މަދުވެގެން އެކަކުގެ ކިޑްނީ ބަދަލުކޮށްދެއްވަމުން އެބަގެންދަވައެވެ. ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރައްވާފައިވާ ޚަރަދުތަކަށް ބަލާއިރު، ކިޑްނީ ބަދަލުކުރުމަށް މީހަކަށް ހަތަރުސަތޭކަ ހާސް ރުފިޔާ ހޭދަކުރައްވާފައިވެއެވެ. ސަރުކާރުގެ ބަޖެޓުން އާސަންދަ މެދުވެރިކުރައްވައިގެން އެއްކަމަކަށް އެންމެ ބޮޑެތި ޚަރަދުކުރައްވާ އެއްކަމަކީވެސް ކިޑްނީ ބައްޔެވެ.
ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަކީ ރާއްޖޭގައި ކުރެވެން ހުރި ކަމެއް ނޫނެވެ. އަދި ކިޑްނީ ބަދަލުކުރުމަށް ކިޑްނީ ހޯދުމަކީ ދަތި އަދި ޚަރަދުބޮޑު ކަމެކެވެ. އަދި މި އޮޕަރޭޝަން ރާއްޖޭގައި ކުރެވެން ނެތުމާއެކު ރާއްޖެއިން ބޭރުގައި މިކަން ކުރަންޖެހުމަކީވެސް އުފުލަންޖެހޭ ތަކުލީފް އިތުރުވާކަމެކެވެ.
ރާއްޖޭގައި އެކިއެކި ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ، މިހާރު ކުރެވެމުން އަންނަ ކަމެކެވެ. އަދި ކުރިން ރާއްޖޭގައި ނުހެދޭ ޓެސްޓްތައް ހެދުމުގެ އިންތިޒާމްވެސް މިހާރު އަންނަނީ ފަހިކުރެވެމުންނެވެ. އަދި ބަލިތަކަށް ފަރުވާހޯދާށާއި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވުމަކީ ބަލިމީހާއާއި ޢާއިލާއާއި އަދި ޤައުމީ އިޤްތިޞާދަށްވެސް އެންމެ ފައިދާހުރި ގޮތެވެ.