ޚަބަރު

ހުޅުމާލޭގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ކޮމަރޝަލް ޔުނިޓެއް ޙަވާލުކޮށްފި


  • މިތަން ޙަވާލުކޮށްފައިވަނީ 5 އަހަަރަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް

  • މި މަރުކަޒު ހުޅުވުމުން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ލުޔެއް ލިބޭނެ

ހުޅުމާލޭގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ހަމަޖައްސައިދީފިއެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ހުޅުމާލޭގައި ގޮތްޕެއް ހިންގުމަށް ކޮމަރޝަލް ޔުނިޓެއް އެޗް.ޑީ.ސީއިން ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި ތަން ޙަވާލުކޮށްފައިވަނީ އެ ކޯރޕަރޭޝަންގެ ސީ.އެސް.އާރްގެ ދަށުން ކުލި ނުނަގާ ގޮތަށެވެ.

މިކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި ސީ.އެފް.އޯ އަޙްމަދު ޝާމެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.

ޤުރުއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ގޮފި ހިންގުމަށް ދޫކުރި ކޮމަރޝަލް ޔުނިޓް އެ މަރުކަޒާ ޙަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރާ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ. އަދި މި މަރުކަޒު ހުޅުވުމާއެކު އެ މަރުކަޒުގެ ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.