ޚަބަރު

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި


  • ހައިކޯޓުން އަމުރު ނެރުނީ ސިވިލް ކޯޓުން އަމުރު ނުނެރުމުން

  • އިއާދަނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެކަމަށް އަމުރުގައިވޭ

ކ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރު ނެރުނީ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

އަމިއްލަ ފަރާތަކުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވުމަށް ސިވިލް ކޯޓުގައި އެދިފައިވަނީ އެ މަޝްރޫއު ކުރިއަށްގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށްކަމަށް ބުނެއެވެ. އަދި އެ މައްސަލަ ނިމެންދެން މަޝްރޫއުގެ މަސައްކަތް މަޑުޖައްސާލަން އޭނާ އެދުނުނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމަވާފައެވެ.

ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އީއައޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއޮ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށް ހައިކޯޓުގެ އަމުރުގައި ވަނީ ބަޔާންކުރައްވާފައެވެ.

ހައިކޯޓުގެ އަމުރުގައި ވިދާޅުވީ އެފަދަ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށްވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އަމުރުގައިވެއެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑުކަމަށްވެސް ހައިކޯޓުގައި އަމުރުގައިވެއެވެ.

ހައި ކޯޓުން މި އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޢުލަބިއްޔަތުންނެވެ.

ގުޅީފަޅުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.