ޚަބަރު

އެމްއާރުއެމް އުވާލީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި


  • ޕާޓީ އުވާލީ 3000 މެންބަރުން ހަމަނުވާ ކަމަށް ބުނެ

  • ޕާޓީ އުވާލަން ނޯޓިސް ދީފައިވަނީ ޤާނޫނަށް ޚިލާފަށް

  • އެމްއާރުއެމް އަށް 50،000 ރުފިޔާ ދޭން އިލެކްޝަންސްގެ މައްޗަށް ވަނީ އަމުރުކޮށްފައި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

އެ ކޯޓުން މިގޮތަށް ޙުކުމް ކުރެއްވީ ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުވާ 3000 މެންބަރުން އެ ޕާޓީގައި ހަމަނުވާ ކަމަށްބުނެ އެމްއާރުއެމް އުވާލުމުން އެ ޕާޓީން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ސިވިލް ކޯޓުން ނެރުނު ހުކުމުގައި އެމްއާރުއެމް އުވާލަން އިލެކްޝަންސް އިން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަންޖެހޭ ގޮތަށް އިލެކްޝަންސްއިން އަމަލުނުކޮށް ހުރިކަމަށާއި، އޭގެ ގެއްލުން އެމްއާރުއެމުން އުފުލަން ނުޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕާޓީއަށް 3000 މެންބަރުން ހަމަކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އެ ޕާޓީގައި ތިބީ 2981 މެންބަރުން ކަމަށެވެ. އެ އަދަދަށް ބަލައިގެން މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރިއިރު ނޯޓިސްގެ މުއްދަތުގައި މެންބަރުން ޕާޓީން އުނިއިތުރު ކޮށްފައިވާކަންވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބައެއް ފޯމުތައް ޕްރޮސެސް ކުރުމުގައި ލަސްވުންތަކެއްވެސް ހުރިކަން ހުކުމުގައި ފާހަގަކުރައްވާފައިވެއެވެ. މި ސަބަބުތަކާ ހުރެ އިލެކްޝަންސްއިން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަން ފާހަގަކުރައްވައި ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީއާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ސިވިލް ކޯޓުން ވަނީ ބާތިލުކުރައްވާފައެވެ.

އެމްއާރުއެމް އުވާލަން ނިންމުމުގެ ސަބަބުން އެ ޕާޓީން ކޯޓަށް ދާން ޖެހި އެކަމަށް ހޭދަވި ޚަރަދުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ އެ ޕާޓީއަށް ދިނުމަށްވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ފައިސާ ދައްކަން އަމުރުކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައެވެ.