ޚަބަރު

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރަން މަޖިލީހުން ނިންމަވައިފި


  • މައްސަލަ ފަސްކުރީ އީވާ ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅިގެން

  • މިއީ ތިން ވަޒީރުންނަށް ރުހުން ދޭން ހުށަހެޅި ދެވަނަ ފަހަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއަށާއި ބަންޑާރަ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މައްސަލަ ފަސްކުރަން ނިންމެވީ އެކަމާ ގުޅުންހުރި ޤަރާރެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމް އަލުން ޢައްޔަން ކުރައްވައި ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ދެވަނަ ފަހަރަށް ހުށަހަޅުއްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހެޅުއްވުމުން އެ ތިން ވަޒީރުންނަށް ރުހުން ނުދިނުމުން އަލުން އެ މަގާމުތަކަށް އެ ބޭފުޅުން އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މީގެ ކުރިން ވެސް މަޖިލިހުން ރުހުން ނުދިން ބެފުޅުންތަކެއް އަލުން އެ މަގާމުތަކަށް ޢައްޔަން ކުރައްވައިގެން ދެވަނަ ފަހަރަށް ރުހުން ހޯއްދެވުމަށް ސަރުކާރުން ހުށަހެޅި ކަމަށެވެ. އެ ގޮތުން 2010 ވަނަ އަހަރު 17 ވަނަ މަޖިލީހުން ދެ ފަހަރަށް ވެސް އެ ވަޒީރަށް ރުހުން ނުދޭ ކަމަށާއި އެ ކަމާ ގުޅިގެން އެ މަޤާމަށް އެހެން ބޭފުޅަކު ޢައްޔަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވިކަން ފާހަގަކުރެއްވިއެވެ.

ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލައިގައި އީވާ ޤަރާރެއް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެ ޤަރާރު ފާސްވުމުން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައާ ގުޅެގޮތުން މަޖިލީހުން ޢަމަލުކުރަން ފެންނަ ގޮތް އެނގިގެންދާނެ ކަމަށެވެ. އެހެންވެ އެ ޤަރާރާ މެދު މަޖިލީހުން ވަކިގޮތެއް ކަނޑައަޅަންދެން ރުހުންދިނުމުގެ މައްސަލަ ތާވަލުކުރުން ފަސްކުރައްވަން ނިންމެވީކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ފުރަތަމަ ހުށަހެޅުއްވުމުން ޝަހީމާއި ހައިދަރާއި އުޝާމަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ވޯޓު ދެއްވިއެވެ. އެއީ މިހާތަނަށް ސަރުކާރަކުން ޢައްޔަން ކުރެއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރުހުން ނުދިން ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިދިކޮޅު މެންބަރުންނާއި ޕާޓީތަކަށް އަމާޒުވެފައެވެ.