ޚަބަރު

ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދަށްވެއްޖެ


އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައިވާތީ، ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ބާނާ ރީނދޫ އުރަހަ ކަންނެއްޔަށް މެރިން ސްޓިވަރޑްޝިޕް ކައުންސިލުން ދޭ ސެޓްފިކެޓް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައްވައިފިއެވެ.

އެހެންނަމަވެސް ރާއްޖޭގެ ދޮށީގެ މަސްވެރިކަމުން ބާނާ ކަޅުބިލަމަހަށް ވަނީ މެރިން ސްޓިވަރޑްޝިޕް ކައުންސިލުން ދޭ އެމްއެސްސީ ސެޓްފިކެޓް އައު ކޮށްދެއްވާފައެވެ.

ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ފަރާތްތައް ފާހަގަކޮށް، މެރިންގ ސްޓިވަރޑްޝިޕް ކައުންސިލުން ދޭ ސެޓްފިކެޓަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓެކެވެ. އަދި މި ސްޓްފިކެޓްގެ ސަބަބުން މަސްވެރިން ބާނާ މަހަށް ލިބޭ އަގު އިތުރުވެގެންދެއެވެ.

ރާއްޖެއިން ދޮށީގެ މަސްވެރިކަމުގައި ބާނާ ރީނދޫ އުރަހަ ކަންނެއްޔަށް ސެޓްފިކެޓް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވުމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނެރުއްވި ނޫސްބަޔާނެއްގައިވާ ގޮތުން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް އެމްއެސްސީ ސެޓްފިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއިން މުރާޖާކުރި ސްޓޮކް އެސެސްމަންޓްގައި އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައިވާތީ ކަމަށެވެ.

އަދި މި އަހަރުގެ މެއިމަހު ރީޔުނިއަންގައި ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ޖަލްސާގައި މެމްބަރު ޤައުމުތަކުން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު އިއާދަ ކުރުމަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިކަމަކީ، ދިވެހި ސަރުކާރުން، ނުވަތަ ދިވެހި މަސްވެރިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ހީނަރުވުމަށް ކުރި ކަމަކުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ.

ރީދޫ އުރަހަ ކަންނެލީގެ ސްޓޮކް ދަށަށް ދިއުމަށް މެދުވެރިވި މުހިއްމު ސަބަބެއްކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ފާހަގަކޮށްފައިވަނީ ބޮޑު ދަލުގައި ހިފާ ފުރާވަރަށް ނާރާ ކުދި ކަންނެލީގެ އަދަދު އިތުރުވުމެވެ. އަދި އިންޑިއާ ކަނޑުގައި ޤާނޫނާއި ޤަވާއިދާއި ޙިލާތަށް ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމުގައިވެސް ގިނަ އަދަދަކަށް ރީނދޫ އުރަހަ ކަންނެލި ހިފޭކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އަދި މި ގޮތަށް ޤަވާއިދާ ޚިލާފަށް އަހަރަކު 1.3 ބިލިއަން ޑޮލަރުގެ މަސް އިންޑިއާ ކަނޑުން ނަގާކަމަށް ވަނީ ލަފާކުރެވިފައެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ ރީނދޫ އުރަހަ ކަންނެއްޔަށް އެމްއެސްސީ ސެޓްފިކެޓް ނަގާފައިވަނީ މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ފަރާތުންނެވެ. ނަމަވެސް މިކަމަކީ ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތަށް ވަރަށް މުހިއްމު ކަމަކަށްވާތީ، ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އެމިނިސްޓްރީން ގެންދަވަނީ ކައިރިން ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ.

ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށް ސްޓޮކް ރީ-ބިލްޑިންގް ޕްލޭންއެއް ހުށަހެޅުމަށް ރާއްޖެއިން ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް، ސްޓޮކް އިތުރުކުރުމަށް ފިޔަވަޅެއް އެޅޭނީ، އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އިންޑިއަން އޯޝަން ކޮމިޝަންގެ 32 ޤައުމުން އެކަމަށް އެއްބަސްވުމުންނެވެ.