ޚަބަރު

ކަޅުއޮށްފުންމިއަކީ ދިވެހިންގެ ތާރީޚީ މުހިންމު ރަމްޒެއް: ވަޒީރު އާދަމް ނަޞީރު


  • އޮޑީގެ މަރާމާތު ނިމުމުން އޮޑި ބޭއްވުމަށް ހަރުގެއެއް އަޅާނެ

  • ހަރުގެ ހަދަނީ ވީލް ޗެއަރ އެކްސެސިބަލް ޕްލެޓްފޯމަކާއެކު

  • ޕްލެޓްފޯމުގައި ތިބެގެން ކަޅުއޮށްފުންމީގެ އެތެރެވެސް ބަލާލެވޭނެ

ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ކަޅުއޮށްފުންމިއަކީ ދިވެހިންނަށްޓަކައި އޮތް ތާރީޚީ މުހިންމު ރަމްޒެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރް އިބްރާހިމް ވިދާޅުވީ ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ނިމުމުން އޮޑީގެ ހަރުގެ އެޅުން ކުރިއަށްދާނެ ކަމަށާއި، އެއަށްފަހު އޮޑިއާ ގުޅޭ ގައުމީ ވާހަކައިގެ ތެރެއަށް އަދުގެ ޖީލަށް ވަދެވޭނެ ގޮތަށް އެއޮޑި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

"އޮޑީގެ ހަރުގެ އަޅާ އެއާ ގުޅިފައިވާ ޤައުމީ ބޮޑު ވާހަކަ، އުތީމު މަހާރަދުން އޮޑި މެދުވެރިކޮށް ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ވާހަކައިގެ ތަފްސީލްތައް މަންޒަރުތަކާ އެކުގަ އެނގޭނެ ގޮތަކަށް އެވާހަކަ އަދުގެ ޖީލަށް އެނގޭނެ ގޮތަށް އެކަން ތައްޔާރު ކުރުން ދެން އޮންނާނީ." ވަޒީރު ވިދާޅުވިއެވެ.

ކަޅުއޮށްފުންމި މަރާމާތުކޮށް އާންމުން ޒިޔާރަތްކޮށް ބަލާލެވޭނެ ގޮތަށް ބެހެއްޓުމަށް ކުރިއަށް ގެންދާ މަޝްރޫޢު ނިމޭއިރު ކަޅުއޮށްފުންމި ބޭއްވިފައި އޮންނާނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައި ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ކަޅުއޮށްފުންމި މަރާމާތުކޮށް ޢާއްމުން ޒިޔާރަތްކޮށް ބަލާލެވޭނެ ގޮތަށް ބެހެއްޓުމަށް ކުރިއަށް ގެންދާ މަޝްރޫޢު ނިމޭއިރު ކަޅުއޮށްފުންމި ބޭއްވިފައި އޮންނާނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައެވެ. ކަޅުއޮށްފުންމި ބޭއްވުމަށް ޚާއްޞަކޮށް ހަރުގެއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަރުގޭގައި ވީލް ޗެއަރ އެކްސެސިބަލް ޕްލެޓްފޯމެއް ހުންނާނެއެވެ. އަދި ހަރުގެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްލެޓްފޯމުގައި ތިބެ ކަޅުއޮށްފުންމީގެ އެތެރެވެސް ބަލާލެވޭނެ ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މީގެއިތުރުން ހަރުގޭގެ އެތެރޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕެނަލްތަކާއި ސްކްރީންތަކުން ކަޅުއޮށްފުންމީގެ ތާރީޚާއި، ކަޅުއޮށްފުންމީގައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ބެހޭ ގިނަ މަޢުލޫމާތު ލިބޭނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ކަޅުއޮށްފުންމީގެ ނަކަލު މާލެގެނެސް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ ނިމުނު ހަފްތާގެ ތެރޭގައެވެ. މިހާރު ކުރިއަށްދަނީ ވަޑާމުގެ މަސައްކަތެވެ. މިމަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ވަޑިންގެ ޓީމަކުންނެވެ.

ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ނިންމުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޝަހީދުންގެ ދުވަސްކަމަށްވާ މިމަހުގެ 11 ވަަނަ ދުވަހުއެވެ. ނަމަވެސް ދިމާވި އެކި ސަބަބުތަކާ ހުރެ މަސައްކަތް ފެށުން ލަސްވުމުން ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނުނިމޭނެ ކަމަށް ވަޑިންގެ ޓީމުން މައުލޫމާތުދެއެވެ.

ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ނިމުމުން އެއޮޑި ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެކަމަށް ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. މިއޮޑި އާންމުންނަށް ދައްކާލުމުގެ މައިގަނޑު މަޤްޞަދަކީ އުތީމު މަހާރަދުން ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާލު ދެއްވަމުން ކަޅުއޮށްފުންމިގެ ނަކަލު ބަނދެފައިވާ ރ.އަލިފުށީ ޝެނެރީގޭ އަބްދުއްލަތީފް ޔޫސުފް ބުނީ ކަޅުއޮށްފުންމިއަކީ އެހެން އޮޑިތަކާ ތަފާތު އޮޑިއެއް ކަމަށެވެ.
އެގޮތުން އެހެން އޮޑިތަކާއި ކަޅުއޮށްފުންމިއާ ހުރި އެންމެ ބޮޑު ތަފާތަކީ ކަޅުއޮށްފުންމިއަކީ ތިލަފުއް ބޭރަށް ލައިގެން ބަނދެފައިވާ އޮޑިއެކެވެ. މި އޮޑި ތިލަފުއް ބޭރަށް ލައިގެން ބަނުމުގެ މައިގަނޑު މަޤްސަދަކީ އޮޑި ބާރަށް ދުއްވުން ކަމަށް އޭނާ ބުންޏެވެ.

"ތިލަފުއް ބޭރަށް ލައިގެން ބަނުން އެއީ އެހެން އޮޑިތަކާއި ހުރި ތަފާތަކީ. މުހަންމަދު ތަކުރުފާން މިއޮޑި ތިލަފުއް ބޭރަށް ލައިގެން ބެންނެވި މަޤްސަދަކީ ބާރަށް ދުއްވުން. ތިލަފުއް ބޭރަށް ލައިގެން ބަނުމުން އޮޑިއަށް ފެނެއް ނުވަންނާނެ." އަބްދުލް ލަތީފް ޔޫސުފް ބުންޏެވެ.

އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު، ކަޅުއޮށްފުންމީ"ގެ ނަކަލު ބަނދެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތަށެވެ. ކަޅުއޮށްފުންމީ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.

އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށްފަހު އެއޮޑި އޮތީ އާރަށަށް އެހެލާފައެވެ. މިއޮޑި މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެކެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ.