ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި އިއްޔެގެ ނިޔަލަށް ފޯމު ހުށަހަޅާފައިވަނީ ޖުމުލަ 15 މީހުންކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ހަފުތާގެ ބުދަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި 15 މީހަކު ފޯމު ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 14 މީހެއްގެ ފޯމު ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އެއް ބޭފުޅެއްގެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ 7 ބޭފުޅުންނާއި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ 4 ބޭފުޅުންނާއި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ 4 ބޭފުޅުން ހިމެނެއެވެ. ޖުމްލަ 12 ދާއިރާއަކަށް ހުށަހެޅުން ލިބިފައިވާ ކަމަށްވެސް ހަބީބު ފާހަގަކުރައްވައެވެ.
ހަބީބު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، ފަހު ވަގުތު ފޯމު ހުށަހެޅުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިލެކްޝަންސުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ފޯމުތައް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ފުރިހަމަކޮށްފައިވާ ރެކޯޑުތައް ބަލައިގަންނަ ގޮތަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް އިން ހުޅުވާލާފައިވަނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް އިން ވަނީނިންމަވާފައެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްވެ، އެއަށް އަމަލުކުރަން ފަށައިފިނަމަ އެ ތާރީހު ރަމަޟާން މަހަށް ފަހުގެ ތާރީހަކަށް ބަދަލުވާނެއެވެ. އިންތިޚާބު ބާއްވާ ތާރީހަށް ބަދަލު އައި ނަމަވެސް ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލި މުއްދަތަށް ބަދަލު ނާންނާނެ ކަމަށާއި ރަމަޟާން މަހުގެ ކުރިން، ވޯޓުލުން ފިޔަވައި އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއް ނިންމާނެ ކަމަށް އިލެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ.