ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުޞޫލާއެކު ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަކީ އަމާޒެއްކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ދިގު މުއްދަތަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އެކުލަވާލި އައު އުޞޫލް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ބިދޭސީންގެ މެޑިކަލް ހެދުމުގެ އައު އުޞޫލް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.
ރާއްޖޭގައި ދިގު މުއްދަތަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުޞޫލު އެކުލަވާލާފައިވަނީ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.
ބިދޭސީންގެ މެޑިކަލް ހެދުމުގެ އުޞޫލް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި އެކަމާ ގުޅޭ ދިރާސާތަކެއް ކުރެއްވިކަމަށެވެ. މިދިރާސަތަކުގެ ތެރޭގައި ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ ކުރިން މެޑިކަލް ނުހެދުމުގެ ސަބަބުން ޞިއްޙީ އެކިއެކި މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަލަށް އެކުލަވާލި އުޞޫލަކީ ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ޔަޤީންކުރުމަށާއި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް އެކުލަވާލާފައިވާ މުހިއްމު އުޞޫލެއްކަމަށެވެ. އަދި މި އުޞޫލްގެ ތެރެއިން ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ އަލަށް އެކުލަވާލި މިއުޞޫލް ތަންފީޒްކުރުމަށް ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އިލްތިމާސްކުރައްވާފައެވެ.
"ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤަބޫލުކުރާ މިންވަރަށް ރާއްޖެއިން ނައްތާލެވިފައިވާ ބަލިތައް ރާއްޖެ އެތެރެވިޔަ ނުދިނުން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އުޞޫލެއް ދޫކޮށްލާއިރު އެއީ ތަންފީޒް ކުރެވޭ އެއްޗެއްކަން ކަށަވަރުކުރަން ޖެހޭނެ. ތަންފީޒް ނުކުރެވޭ ކިތަންމެ މޮޅު އުޞޫލެއް ހަދާފައި ދޫކޮށްލުމުން އެއްވެސް ކަމެއް ނުކުރެވޭނެ." ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އަދި ޤަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވާ ބިދޭސީންގެ މެޑިކަލް ހެދުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުޞޫލް ރަނގަޅަށް ތަންފީޒްކޮށްފައި ނުވުމުގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ބިދޭސީންގެ މެޑިކަލް ހަދާދޭ ތަންތަނުގައި އެކަމަށް އެކަށީގެންވާ ވަޞީލަތްތައް ހުންނަން ޖެހޭކަމަށާއި ޚިދުމަތް ދޭ މީހުންވެސް މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދޭންޖެހޭކަމަށެވެ. ވަޒީރު ވަނީ އަލަށް އެކުލަވާލި އުޞޫލް ތަންފީޒްކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވާ އުސޫލްތަކާ ޚިލާފަށް ކަމެއް ކުރުމަށް މީހަކު އިރުޝާދު ދިންނަމަވެސް އެކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
"ޤަވާއިދާ ޚިލާފަށް އުޅޭމީހުން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ މެޑިކަލް ހަދާއިރު ނުރައްކާތެރި ބަލިތައް ހުންނަ މީހުންގެ ގޮތުގައި ފާހަގަކުރެވޭ. މިފަދަ މީހުން ބެލެހެއްޓުމަށްވެސް އުނދަގޫތަކެއް ހުރޭ. ކުރިން ހަދާފައިވާ އުޞޫލް ތަންފީޒް ނުކުރެވުމުގެ ސަބަބަބުން ބިދޭސީން އުޅެމުންދިޔައީ އެކަމަށް ކަންބޮޑުވުމެއް ނެތި." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ކުރިން އެކުލަވާލާފައިވާ އުޞޫލްގެ ދަށުން މެޑިކަލް ހަދަނީ ހަމައެކަނި ވޯކްޕަމިޓް ހަދައިގެން ރާއްޖެއަށް އެތެރެވާ މީހުންނެވެ. ނަމަވެސް އައު އުޞޫލްގެ ދަށުން ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ބިދޭސީންގެ ތެރޭގައި ހިމެނޭ ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާގައި އަންނައިރު "އޮން އެރައިވަލް" އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެއެވެ. އަދި މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އައު އުޞޫލްގައި، ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަށް ޓެސްޓްކުރުމާއި ބަލި ޖެހިފައިވާ މީހުންނަށް ބޭސްދިނުމުގެ ކަންކަން ކުރުމަށްވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން، ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.