އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އިސްލާހުތައް ހިމަނައިގެން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީއަށް ފޮނުވާފައިވަނީ ވެސް އެ ޖަލްސާގައެވެ.
މަޖިލީހަށް ހުށަހަޅުއްވާފައި ބިލުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު އިސްލާހު ކުރަން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ އެ ބިލުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް ބިލުގައި ހިމެނުމަށް ނިންމާފައެވެ. އެގޮތުން، އިންތިޚާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ރަޖިސްޓްރީ ގެޒެޓުކޮށް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރާ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އަދި ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އިސްލާހާ ގުޅިގެން ވަގުތީ ކޮމިޓީން ވަނީ އިންތިޚާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު ބަންދު އަދަބެއް ކަނޑައެޅުން ނުވަތަ 6000 ރުފިޔާ އާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވަނީ ހިމަނާފައެވެ.
މި އިސްލާހުތަކާއެކު މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުމަށް ފާސްކޮށްފައިވަނީ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
އިންތިޚާބާބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދިމާ ވަނީ ރަމަޟާން މަހުގެ ދުވަހަކާއެވެ. އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ބާއްވަން މިހާރު ނިންމަވާފައިވަނީ މާރޗު 17 ގައެވެ.