ޚަބަރު

ކަޅުއޮށްފުންމި މަރާމާތުކުރަން ފަށައިފި


  • މިހާރު ކުރަމުންދަނީ ވަޑާމުގެ މަސައްކަތް

  • މަސައްކަތް ނިމުމުން އޮޑި ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ

އާރަށުގައި އޮތް ކަޅުއޮށްފުންމީގެ ނަކަލު މާލެގެނެސް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއޮޑީގެ މިހާރު ކުރަމުން ދަނީ ވަޑާމުގެ މަސައްކަތެވެ. މިމަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ވަޑިންގެ ޓީމަކުންނެވެ.

ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ނިންމުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޝަހީދުންގެ ދުވަސްކަމަށްވާ މިމަހުގެ 11 ވަަނަ ދުވަހުއެވެ. ނަމަވެސް ދިމާވި އެކި ސަބަބުތަކާ ހުރެ މަސައްކަތް ފެށުން ލަސްވުމުން ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނުނިމޭނެ ކަމަށް ވަޑިންގެ ޓީމުން މައުލޫމާތުދެއެވެ.

ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ނިމުމުން އެއޮޑި ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެކަމަށް ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިއޮޑި އާންމުންނަށް ދައްކާލުމުގެ މައިގަނޑު މަޤްޞަދަކީ އުތީމު މަހާރަދުން ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު، ކަޅުއޮށްފުންމީ"ގެ ނަކަލު ބަނދެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތަށެވެ. ކަޅުއޮށްފުންމީ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.

އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށްފަހު އެއޮޑި އޮތީ އާރަށަށް އެހެލާފައެވެ. މިއޮޑި މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެކެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ.