ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ވަކި ތަރުތީބަކުން ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބައްލަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި، ތ.ގުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުރައިދުއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގުރައިދޫ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ފަދައިން އެ ރަށުގެ އެއަރޕޯޓު އެޅުމުގެ މަޝްރޫޢު މި އަހަރު ފެށުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރަށުގެ ތަރައްޤީއާއި ގުޅޭގޮތުން ހުށައެޅުއްވި ކަންކަން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރަށުގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވަނީ އެއަރޕޯޓުކަން ފާހަގަކުރައްވާފައެވެ. މަސްވެރިންނަށް ބާނާ މަހުގެ އަގު ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި ރަށުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުކުޅުމަށް އިތުރު ފެސިލިޓީސް ބޭނުންވާކަމަށާއި، ރަށުގެ މަގުތައް ހަދަން ޖެހިފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިއްސާރަ ދުވަސްވަރު މަގުތައް ނުހެދި ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވައި، ވިއްސާރަ ދުވަސްވަރު ސްކޫލް ކުދިން ދަތުރުކުރުމަށް ބަހެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ކައުންސިލުން ވަނީ ރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓާއި މުސާރައިގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެމަނިކުފާނު ކަންތައްތަކެއް ކަނޑައަޅުއްވައި، އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް އެކަން ފާހަގަ ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.