ތ އަތޮޅުގެ ރަށްތަކަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ތ އަތޮޅު ގުރައިދުއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށް ކަމުގައި ވިދާޅުވެފައެވެ. އެ ގޮތުން ތ.ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ތ އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގަންނަވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި އެ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެ މަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައި ވެސް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.