ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މަދަނީ ޖަމުޢިއްޔާތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމަ ޝަރީފް ވިދާޅުވެއްޖެއެވެ.
އއ.މަތިވެރީގައި ކުރިއަށްގެންދާ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ކުރާ މަސައްކަތަކަށް މަދަނީ ޖަމުޢިއްޔާތަކުންވެސް އެއްބާރުލުންދީގެން މަސައްކަތްކުރާނަމަ އެމައްސަލަ ހައްލުކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ވަޒީރު ވަނީ ބައެއް ޖަމުޢިއްޔާތަކުން އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
"ގައުމުގެ މިއަދުގެ ހާލަތް ބަދަލްކުރުމުގައި ކޮންމެ މީހެއްގެވެސް ހިއްސާ އެބަ އިތުރުކުރަންޖެހޭ. މިހާލަތް ބަދަލްކުރުމަށް އަޅުގަނޑުމެން މިއަދު މަސައްކަތް ނުކޮއްފިނަމަ ދެން ކުރިމަތިލާން ޖެހޭނީ ކޮންފަދަ ހާލަތަކާކަން މިއަދު ދަންނަވާކަށް ފަސޭހައެއްނޫން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމަ ޝަރީފްވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުންވެސް މަދަނީ ޖަމުޢީއްޔާތަކުން ކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުންދެއްވުންކަމަށެވެ. އަދި ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށް އެންމެންގުޅިގެން މަސައްކަތް ކުރުންކަމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޖަމުޢިއްޔާތަކުގެ ފަރާތުން ވަނީ ކުރިއަށް ދިއުމުގައި ދިމާވާ ހުރަސްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. މިގޮތުން މާލީގޮތުން ދިމާވާ ދަތިތަކާއި ޖަމުޢިއްޔާތަކުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށާއި އެނޫންވެސް ޖަމުޢިއްޔާތަކަށް ދިމާވާ ދަތިތައް ފާހަގަކުރިއެވެ.
ސަލަފް ޖަމިއްޔާއިން އިސްނަގައިގެން އއ.މަތިވެރީގައި ކުރިއަށްގެންދާ މިމަހާސިންތާއަކީ މުޅިރާއްޖެ ތަމްސީލް ވާގޮތަށް ކޮންމެ އަތޮޅަކުން ޖަމުޢިއްޔާއެއް ބައިވެރިވެގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.