ޚަބަރު

އެމްއައިބީން ކަސްޓަމަރުންނަށް ޚިދުމަތްދޭ ވަގުތާއި އޭޓީއެމްތައް އިތުރުކުރަނީ


  • ގަޑިތައް އިތުރު ކުރުމާއިއެކު ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރުވަނީ އިތުރުކޮށްފައި

  • ބަދަލާއިއެކު 8:30 އިން 4:00 އަށް ހިދުމަތް ލިބޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީން ކަސްޓަމަރުންނަށް ހިދުމަތްދޭ ވަގުތުތައް އިތުރުކޮށް، އެ ބެންކުގެ އޭޓީއެމްތައްވެސް އިތުރުކުރުމަށް ނިންމައިފިއެވެ.

އެމްއައިބީން ބުނީ އެ ބޭންކުން ހިދުމަތްދޭ ގަޑިތައް އިތުރު ކުރުމާއިއެކު، ބޭންކުން ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރުތައްވެސް އިތުރުކޮށްފައިވާކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަލްކް ކޭޝް ހިދުމަތް ދިނުމަށް ވަކި ކައުންޓަރުތަކެއް ހަމަޖައްސާފައިވާކަމަށްވެސް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ ފައިސާގެ މުއާމަލާތްތަކާއި ގުޅޭ ހިދުމަތްތައް ނޫން އެހެން ހިދުމަތްތައް ހޯދުމަށް އަންނަ ކަސްޓަމަރުންނަށްވެސް ވަކި ކައުންޓަރެއް ތައާރަފްކުރާނެކަމަށެވެ.

އެމްއައިބީން މިހާރު ހިދުމަތް ދެމުން އަންނަނީ ހެނދުނު 8:30 އިން 2:00 އަށެވެ. ނަމަވެސް ގެނެވުނު ބަދަލާއެކު 8:30 އިން 4:00 އަށް ވަނީ ބެންކިން ގަޑިތައް އިތުރުކޮށްފައެވެ. މީގެ އިތުރުން ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވިނަމަވެސް އެމްއައިބީ ބަންދު ނުވާނެކަމަށް އެ ބެންކުން ބުނެއެވެ. އެމްއައިބީން ބުނީ ގެނެވުނު ބަދަލުތަކާއެކު ބެންކުން ހިދުމަތްދޭ ދުވަސްތައް އަހަރެއްގެ މައްޗަށް ބަލާއިރު އިތުރުވާނެކަމަށެވެ.

އެމްއައިބީ ހެޑް އޮފީހުގެ އޭޓީއެމް ލޮބީގައި މިވަގުތު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެނީ އެންމެ އޭޓީއެމްއަކުން ނަމަވެސް މި ގެނެވުނު ބަދަލާއިއެކު މިމަސް ތެރޭގައި 3 އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށް އެ ބެންކުން ބުނެއެވެ. އަދި މި އޭޓީއެމް ސެންޓައުން ޗެކުވެސް ބަލައިގަންނާނެކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީއަކީ އެބޭންކުގެ ރީޓެއިލް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. އެކައުންޓް ހުޅުވުމާއި، އެމްއައިބީ އުޖާލާ ދިރިއުޅުން ފައިނޭންސިން ފެސިލިޓީގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް މިހާރު ލިބެއެވެ. ނަމަވެސް ކާޑާއި ހަވާލުވުން ފަދަ ބައެއް ކަންކަމަށް ބޭންކަށް އަންނަ ފަރާތްތަކަށްވެސް މި ބަދަލާއިއެކު ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެކަމަށް އެމްއައިބީއިން ވިދާޅުވިއެވެ.

އެގޮތުން ގްރައުންޑް ފްލޯ އިންފޯމޭޝަން ކައުންޓަރުން މިހާރު އިންސްޓަންޓް ބޭންކިންގ ކިޓް ލިބޭނެ ކަމަށާއި މި ގެނައި ބަދަލާއިއެކު އެމްއައިބީގެ ހިދުމަތް ހޯދުމަށް އަންނަ އިސް ރަށްވެހިންނާއި، މާބަނޑު މީހުން އަދި ހާއްސަ އެޙީއަށް ބޭނުންވާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރުތަކެއް ވަނީ ގާއިމްކޮށްފައިކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.