ޚަބަރު

ސަރުކާރުން ދެކޭގޮތުގައި ޗައިނާ ފަތުރުވެރިން އަންނަން ފެށުމަކީ ލިބޭނެ ބޮޑު ކުރިއެެރުމެއް


  • ފަތުރުވެރިންގެ ޢަދަދު އިތުރުވެ، 2 ވަނަ މާކެޓަކަށް ޗައިނާ

  • ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެޤައުމު ގުޅިގެން އަންނަނީ މަސައްކަތްކުރަމުން

  • އިތުރު ފްލައިޓްތަކުގެ ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުން

މެދުކެނޑިފައި އޮތުމަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމަކީ ރާއްޖޭގެ ފަތުތުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ރައްކަތެރިކަމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، 5 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވި ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްސަމަދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއެކު ޗައިނާއިން އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނައިން ފަތުުރުވެރިން އަންނަނީ ޗައިނާއިންކަން ޝެރީނާ ވިދާޅުވިއެވެ،

ޝެރީނާގެ ވާހަކައިގައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް ދިވެހި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ގުޅިހެން މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި ހެޔޮ ބަދަލުތަކެއް އަންނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުންތަކުގެ ކޯޗެއަރއަކަށް ހުންނަވާ ޗައިނާ ސަފީރު ވަންގ ލިޒިންގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް އެކަމަނާ ދެއްވިއެވެ.

ކޯވިޑް-19އަށްފަހު ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވާން ފަށާފައި މިވަނީ އެޤައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅިގެންނެވެ. މިވަގުތު ރާއްޖެއަށް ޗައިނާއިން 4 އެއަރލައިނަކުން ދަތުރުތައް ބާއްވަމުން އަންނައިރު މިމަހުވެސް ޗައިނާގެ އިތުރު އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ޗައިނާއަކީ ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.