ޚަބަރު

މަޖިލިސް އިންތިޚާބުގައި އެހީތެރިވުމަށް އިލެކްޝަނާއެކު 5 މުއައްސަސާއަކުން ސޮއިކޮށްފި


  • މި 5 މުއައްސަސާއަކީ ސީއެސްސީ، އެލްޖީއޭ، ޑީއެންއާރު، ޕޮލިސް، އަދި ޕޯސްޓް

  • މީގެސަބަބުން މަޖިލިސް އިންތިޚާބަށް ބޮޑު އެހީތެރިކަމެއް ލިބޭނެ

  • މަޖިލިސް އިންތިޚާބު އޮންނާނީ 17 މާރޗްގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ 5 މުއައްސަސާއަކުން އެ ކޮމިޝަނާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ފަހުމުނާމާތަކުގައި އިލެކްޝަންސް ކޮމިޝަނާއެކު ސޮއިކޮށްފައިވާ 5 މުއައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަން، ދިވެހި ފުލުހުންގެ ޚިދުމަތް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން، މޯލްޑިވްސް ޕޯސްޓެވެ.

ފަހުމްނާމާތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، މި 5 މުއައްސަސާއަކީވެސް އިންތިޚާބު ފުރިހަމަވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ކަމަށެވެ. އެގޮތުން، އޮފިޝަލުން ހޯދުމާއި، ރަށްރަށުގައި ފޯކަލް ޕޮއިންޓުތައް ޤާއިމްކުރުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ އެއްބާރުލުން ބޭނުންވާނެކަމަށާއި، މީގެ ކުރިންވެސް އެއްބާރުލުން ލިބިފައިވާ ކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި އިންތިޚާބުތައް އަމާންކަމާއި، އޮމާންކަންމަތީ ކުރިއަށް ގެންދިޔުމަށާއި، ވޯޓު ފޮށްޓާއި، ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މިހާތަނަށް އައިރުވެސް އެއެއްބާރުލުން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކި ތަންތަނަށް ވޯޓު ކަރުދާހާއި، ވޯޓާއި ގުޅުންހުރި ކަރުދާހާއި އޮފިޝަލުން ދާއިރު މިހާރު ފޮނުވަނީ ފުލުހުންގެ ވެހިކަލްތަކުގައި. ފުލުހުންގެ ވެހިކަލްތައް ބޭނުންކޮށްގެން މިކަން ކުރުމުން ސަލާމަތީގޮތުން ބޮޑު ރައްކާތެރިކަމެއް ލިބޭ." ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އޮމާންކަންމަތީ ކުރިއަށް ގެންދިޔުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި ރަށްރަށުގައި އިންތިޚާބާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ޚަރަދުކުޑަކޮށް ހަމަޖެއްސުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ލިބޭ އެހީތެރިކަން ފާހަގަކުރައްވާ، މިފަހުމުނާމާގެ ދަށުން އިތުރު އެހީ ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ މޯލްޑިވްސް ޕޯސްޓާއިއެކު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ވޯޓު ފޮއްޓާއި، ވޯޓު ކަރުދާސް ރަށްރަށަށް ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަން ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހު ވިދާޅުވީ ބޮޑު އިންތިޚާބެއް ބާއްވާއިރު، ދައުލަތުގެ އެކި މުއައްސަސާތަކުން، އިލެކްޝަސްސް ކޮމިޝަނަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ނާޞިހު ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގެ މަސައްކަތާއި، ފޯކަލް ޕޮއިންޓުތައް ހަމަޖެއްސުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކޮމިޝަނަށް ދެއްވާނެ ކަމަށެވެ. އަދި މީގެ ކުރީ އިންތިޚާބުތަކުގައިވެސް ސިވިލް ސާވިސްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކާމިޔާބު އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސާ އެކީ މަސައްކަތް ކުރުމަށް މުވައްޒަފުންގެ ކިބައިން ނާޞިހު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދައުލަތުގެ ބޮޑު މަސައްކަތެއް ކުރާ ހާލަތެއްގައި، ދައުލަތުގެ އެކި މުއައްސަސާތަކުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް." ނާޞިހު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިމާވެދާނެ ކޮންމެ ކަމަކަށް ފުލުހުން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބަށް ޚާއްސަކޮށް ކޮމާންޑަރެއް ކަނޑައަޅާ، ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ސީޕީ ވަނީ އިންތިޚާބާއި ގުޅިގެން ފުލުހުން އަދާ ކުރަންޖެހޭ ޒިންމާތައް މިދިޔަ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"މިއިލެކްޝަންގައި ދިމާވެދާނެ އެންމެހާ ކަންތައްތަކަކަށް އަޅުގަނޑުމެން ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިން. އިންތިޚާބުގެ ކުރިންނާއި، އިންތިޚާބު އޮންނަ ދުވަހު، ފުލުހުންނަށް ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަ ކަންމަތީ އަދާކުރާނެކަމުގެ ޔަޤީންކަން އަރުވަން." ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. ކޮމިޝަނުން މިހާރު ވަނީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ގެނެވުނު އައު ބަދަލުތައް ގެޒެޓުގައި ޝާއިޢުކޮށް، އެ ލިސްޓަށް ޝަކުވާއަށް ހުޅުވާލާފައެވެ.