ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލިނިކަލް ދާއިިރާއިން މާސްޓަރސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ ކޯސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫއިން ފެށުމަށް ނިންމައިފިއެވެ.
މާސްޓަރސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ ކޯސް ތަޢާރަފްކޮށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޤައުމީ ޔުނިވަރސިޓީން މިހާރު ވަނީ ހުޅުވާލާފައެވެ.
މި ކޯހުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުޞަތު މި ފެށޭ ފެބްރުއަރީމަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އެމްއެންޔޫއިން ވަނީ ހުޅުވާލާފައެވެ. މި ކޯހަށް އެޕްލައިކުރާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ބެޗްލަރ އޮފް ސައިކޮލިޖީ ކޯހެއް ނިންމާފައިވުމާއި، ދަރިވަރުގެ ސީޖީޕީއޭ ދަށްވެގެން 2 އަށްވުރެ މަތިވެފައިވުން ހިމެނޭ ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ލެކްޗަރަރ މަރިޔަމް އިފްޝަން އަޙްމަދު ވިދާޅުވީ، ސައިކޮލޮޖީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށުމުގެ މަޤްޞަދަކީ ރާއްޖޭގެ ނަފްސާނީ ދާއިރާގައި މަސައްކަތްކުރާ މީހުން އިތުރު ކުރުން ކަމަށެވެ. އިފްޝަން ވިދާޅުވީ، މިވަގުތުވެސް ބެޗްލަރސް ނިމިފައި ތިބި ކުދިން މާސްޓަރސް ކޯހެއް ނެތުމުގެ ސަބަބުން ކޯސް ނުފެށިފައި ތިބިކަމަށެވެ.
އިފްޝަން ވިދާޅުވީ މިހާތަނަށް އެމްއެންޔޫއިން ގާތްގަނޑަކަށް 170 ވަރަކަށް ދަރިވަރުން ސައިކޮލޮޖީގެ ބެޗްލަރސް ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެގޮތުން ދަރިވަރުން މިހާރު މަޑުކޮށްގެން ތިބީ ރާއްޖޭގައި ސައިކޮލޮޖީގެ މާސްޓަރސް ލެވެލް ކޯހެއް ހެދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ އިރަކަށް ކަމަށް އިފްޝަން ވިދާޅުވިއެވެ. އެހެންކަމުން މިއީ އެ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުޞަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ކުޑަ ދިރާސާއެއް ހަދާލިން ބެޗްލަރ އޮފް ސައިކޮލޮޖީ ނިންމާފައި ތިބި ދަރިވަރުންގެ ތެރޭގައި އެކުދިންގެ ޝައުގުވެރިކަން ހުރީ ކޮން ދާއިރާއަކުންތޯ ބަލައިލަން. އެގޮތުން ގިނަ ކުދިންގެ ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން. މި ސަބަބަށްޓަކާ އަޅުގަނޑުމެން ނިންމީ ސައިކޮލޮޖީގެ ފުރަތަމަ މާސްޓަރސް ޕްރޮގްރާމެއް އެމްއެންޔޫއިން އޮފަރ ކުރާއިރުގައި އެ ޕްރޮގްރާމަކީ ކްލިނިކަލް ސައިކޮލޮޖީއަށް ވެގެން ދިއުން." އިފްޝަން ވިދާޅުވިއެވެ.
އިފްޝަން ވިދާޅުވީ ސައިކޮލޮޖީ މާސްޓަރސް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެމްކިއުއޭ ބަލައިގަންނަ ކޯހެއް ކަމަށެވެ. އަދި މި ކޯސް ފަރުމާކުރެވިފައިވާނީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި ކޯހުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަކީ ކޮބައިކަން، އެ ބަލިތަކަށް ދެވޭނެ ފަރުވާތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މި ދާއިރާއިން ތަޢުލީމް ޙާސިލްކުރާ ދަރިވަރުންނަށް، ތަޢުލީމީ ދާއިރާ ނުވަތަ ސައިކޮލޮޖީ ދާއިރާގައި ޕޮލިސީތައް ހެދުމުގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. އަދި މާސްޓަރސް ކޯސް ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައިވެސް މަސައްކަތްކުރެވޭނެ ކަމަށްވެސް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ.