ވަޒީރުންގެ މަޖިލީހުގެ 3 މެންބަރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމެވީ، އެބޭފުޅުންގެ ނާޤާބިލުކަމުން ނޫންކަމަށާއި، އެއީ އެމްޑީޕީގެ އިސްބޭފުޅުން ރުއްސަން ކުރިކަމެއްކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރުހުން ދޭން ނުފެންނަކމަށް މަޖިލީހުން ނިންމީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމަށެވެ.
އެ 3 ވަޒީރުންނަށް ރުހުންދޭން ނުފެންނަކަމަށް ވޯޓުދިނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ނަމަވެސް އެ ވަޒީރުންނަށް ރުހުން ނުދިން ސަބަބެއް އެދެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
އެ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އެ ތިން ވަޒީރުންނަކީ އެބޭފުޅުންގެ ދާއިރާއިން އެންމެ ޤާބިލު އަދި އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުންކަމަށެވެ. ސަލީމް ވިދާޅުވީ އެބޭފުޅުންނަށް ރުހުން ނުދޭން ނިންމި ސަބަބު އެޕާޓީތަކަށް މިހާތަނަށް ދެއްކިފައި ނެތްކަމަށެވެ.
ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ހުރިހާ ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީން ބޭނުންވިނަމަވެސް، އެ ތިން ވަޒީރުންނަށް ރުހުން ނުދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އެންމެގެވުމަށްކަމަށެވެ. އަދި އެކަން ކުރީ އެމްޑީޕީ އެކްޓިވިސްޓުން ރުއްސުމަށްކަމަށްވެސް ސަލީމް ތުހުމަތުކުރެއްވިއެވެ.
"އެބޭފުޅުން ބުނީ ހަމަ ވަކިފަރާތަކުން އެންގީތީ ތިމަނަމެން ވޯޓު ދެނީއޭ. އެއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އުސޫލެއް ނޫން. މަޖިލީހުގެ މެންބަރުންކަީ އެއްގޮތަކަށްވެސް މީހަކު ބުނީތީ އަމަލުކުރަންޖެހޭ ބައެއް ނޫން. އެމީހުންނަކީ ޤައުމާ މުޅިޤައުމުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރަން ޖެހޭ ބޭފުޅުން. ވަކި މީހެއްގެ ފޯނުކޯލަކުން އަންނަގޮތަކަށް ވަކި މީހަކަށް ރުހުން ނުދޭން އެއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންކުރަންވާނެ ގޮތެއް ނޫން." ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ދިން ފުރުޞަތުގައި ސަރުކާރު ހިންގުމަށް ޖާގަ ދޭން ޖެހޭނެކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނެ، އައު ސަރުކާރަށް ފުރުސަތު ދިނުމުން ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރަންޖެހޭކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ މަޖިލީހުގައި ހިނގާދިޔަ ކަންކަމަށް މަޝްވަރާކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެއްބާރުލުން ނުދެއްވިކަމަށްވެސް ވިދާޅުވެފައެވެ.