ރައްޔިތުންގެ މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ސަރުކާރު ބަލިކުރެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ގޮތް ނިންމައި، ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލު ވަޒީރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ހުރިހާ ވަޒީރުންނަކީ ވެސް ޝަރުތުހަމަވާ ބޭފުޅުން ކަމުގައި ނިންމަވާފައިވަނިކޮށް މަޖިލިސް ތަޅުމުން ވޯޓު ނުދީ އެ ބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާތީއެވެ. އެގޮތުން، 4 ވަޒީރަކަށް ރުހުން ނުދިނުމަށް އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ވިޕެއް ވެސް ނެރެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޚައިދަރު އަހުމަދުއަށެވެ.
4 ވަޒީރުން ރުހުން ނުދޭން ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުން ވަނީ އިއްޔެ ދައުރުން ބޭރުން ކުރިއަށްގެންދިޔަ ޖަލްސާގައި އިހުތިޖާޖުކޮށް ޖަލްސާ ހުއްޓުވާފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.