ޚަބަރު

ހުރިހާ މަސްވެރިން ޝާމިލުވާ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަނީ


  • މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއް

  • ކޯޕަރޭޓިވް ސޮސައިޓީ އެކުލަވައިލާނީ އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ދިރާސާތަކުގެ އަލީގައި

މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިންގެ ކުރިއެރުމަށް މަސައްކަތްކުރާ ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ކޯޕަރޭޓިވް ސޮސައިޓީ އުފައްދައި، އެ ސޮސައިޓީ މެދުވެރިކޮށް މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނެ ފަރާތެއް ކަނޑައެޅުމަކީ ހަފްތާ 14 މަގު ޗާޓުގައިވެސް ހިމެނޭކަމެކެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސްވެރިންގެ ޝާމިލްވުން ހިމެނޭ ގޮތަށް މަސްވެރިންނަށް ހާއްސަ ކޯޕްރޭޓިވް ސޮސައިޓީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. އަދި މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އެކުލަވައިލާނީ އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައިކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޯޕަރޭޓިވް ސޮސައިޓީގެ އިތުރުން ހަފުތާ 14 މަގުޗާޓުގެ ތެރެއިން މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްުޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.