ސަރުކާރަށް ޖެއްސުންކޮށްގެން ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނެތް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމާ ދެކޮޅުކަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ހާމަކުރެއްވުމާ ގުޅިގެންނެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެހެން ސަރުކާރުތަކުގެ ވަޒީރުންނަށް ރުހުން ދިން ގޮތަށް މިސަރުކާރުގެ ވަޒީރުންނަށްވެސް ރުހުން ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ވަޒީރުންނާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަވެސް އެކަން ބަލަން ޖެހޭނީ ވަޒީރުންނަށް ރުހުން ދިނުމަށްފަހު އިތުރު ގޯހެއް ހައްދަވައިފިނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ނިންމީ އެމްޑީޕީ ސަރުކާރާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އެހެންވެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވާފައިވާ ނަންތަކަށް ރުހުން ނުދިނުމަކީ ޤައުމު އިނދަޖައްސާލުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
"ތިބޭފުޅުންގެ ސަރުކާރަށް އިތުބާރު ނެތީމަ ވަކި ބޭފުޅަކު ހޮވާފައި މިވަނީ. އެހެންވީމާ އެ ރައީސަކު ފޮނުވާ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ޤައުމު އިނދަ ޖައްސާލުމާއި ޤައުމު ހަލާކުކޮށްލުމަށް ތިބޭފުޅުން ކުރައްވާ މަސައްކަތް. ތިބޭފުޅުން އަމިއްލަ އެދުން ކުރިއަށް ނެރުއްވައިގެން ކުރައްވާ މަސައްކަތްކަން ޔަގީން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރައްޔިތުން ހޮވާފައިވާ ވެރިޔަކު ކަނޑައަޅާ ބަޔަކަށް ރުހުން ނުދީ ރައްޔިތުން ކައިރިއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ހޯދުމަށް ނުދިއުމަށް ގޮވާލާފައެވެ.
ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ނިންމަވާފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުރެވޭތީ ކަމަށާއި ސަރުކާރުގެ ވަޒީރުންގެ އަދަދު އިތުރުވެ ޚަރަދުބޮޑުވުމަކީވެސް ސަބަބެއް ކަމަށް ވަނީ ވިދާޅުވެފައެވެ.