ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއްކަމަށްވާ ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމްތައް އެންމެ ފުރަތަމަ ކުރިއަށްދާނީ ގއ. އަދި ގދ އަތޮޅުގައެވެ.
ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވާ މި ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޠާރިޤު ދެއްކެވި ވާހަކަަފުޅުގައި މޫސުމީ ބަދަލު ތަކުގެ ސަބަބުން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އެންހިފުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާކަމަށާ، އެ ސަބަބާހުރެ ފުޅި އަޅައިގެން އެންހިފުން މިހާރު ރައްޖޭގައި އާންމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފުޅި އަޅައިގެން ފީނާއިރު ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެހީތެރިވެދޭނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިހާތަނަށް އައިއިރު ދިމާވަމުން އައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް، ކިރައިގެން ލިބެންޖެހޭ ފައިސާ ނުލިބުންކަމަށާ، އެ ފައިސާ ހަލާސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތްތަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރުވަނީ މަސްވެރިންނަށް ދެއްވާފައެވެ. އެގޮތުން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ފަށާ މުހިންމު މަސައްކަތުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާނެރެވޭނެ މަސައްކަތަކެއް ކުރައްވަމުންދާކަމަށެވެ.
"މަސްވެރިންގެ ފުރާނައަށް ގެއްލުންވަނީ ފުޅި އަޅައިގެން ތަމްރީނެއް ނެތި ފީނުމުގެ ސަބަބުުން މި ފެށޭ މަސައްކަތާއެކު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު އެންހިފަން ފީނުން މަދު ކުރުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރުމަށް ވަނީ ރާވާފައި، އެގޮތުން މިހާރުވެސް ޕައިލެޓް ޕްރޮޖެކްޓްތަކެއްވަނީ ފަށާފައި، އޭގެ ސަބަބުން އެންވެރިކަމަކީވެސް ނަފާ ނެރެވޭނެ މަސައްކަތަކަށް ވެގެންދާނެ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަޑަވެލީގައި ބޭއްވި މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވެއެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.
ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.