އޯޓިޒަމް އެވެއަރނަސް މަހާއި ދިމާކޮށް ދިރާގުން ޑީޓިއުން ބޭންޑާއި ގުޅިގެން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަށް 10.000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން، ޒުވާނުންގެ މެދުގައި ބޮޑުމަޤުބޫލުކަމެއް ހޯދަމުން އަންނަ ޑީޓިއުން ބޭންޑުން ނެރިފައިވާ ހާއްސަ ލަވަ ދިރާގުގެޕޭޖުގައި ޝެއަރ ކުރުމާއިއެކު "1،000 ލައިކްސް" ހަމަވުމުން ދިރާގުން ވަނީ 10،000ރުފިޔާ އެ ސެންޓަރަށް ހަދިޔާ ކުރާނެކަން އިއުލާންކޮށްފައެވެ. އެ ގޮތުން މި ކެމްޕޭނަކީ މި މަސްދުވަހުގެ ތެރޭގައި، އޯޓިޒަމްއަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ދިރާގުގެ ސޯޝަލް މީޑިޔާ ޗެނަލް ބޭނުންކޮށްގެން ހިންގުނު ހާއްސަ ހަރަކާތެކެވެ. އެގޮތުން މިއަދު ދިރާގުގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ދިރާގާއި ޑިޓިއުން ބޭންޑުގެ ފަރާތުން ވަނީ އިމާދުއްދީން ސްކޫލާއި މި ފައިސާ ހަވާލުކޮށްފައެވެ.
ދިރާގުގެ ފަރާތުން މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ، "ދިރާގަކީ ޒުވާނުން އިސްނަގައިގެން ކުރާ މިފަދަ ކަންކަމުގައި އަބަދުވެސް ބައިވެރިވެ އެހީވާން ތައްޔާރަށް އޮތް ކުންފުންޏެކެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އަބަދުވެސް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެކެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނާއި ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގައި ޑީޓިއުން ފަދަ ޒުވާން ފަންނާނުން ތަކަކާއިއެކު ހިންގުނު މި ހަރަކާތުގައި ދިރާގު ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ."
ޑިޓިއުން ބޭންޑްގެ ފަރާތުން ވާހަކަ ދައްކަމުން، ބޭންޑްގެ އެންމެ ލީޑް އެއް ވޯކަލިސްޓް އަހުމަދު ފުރުގާން ބުނީ "ދިރާގަކީ ވެސް މިފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކުންފުންޏަކަށްވާތީ އަޅުގަނޑުމެން ބޭނުންވީ ދިރާގުގެ އެހީތެރިކަމާއިއެކު އިމާދުއްދީންގެ ޖުވެލް ސެންޓަރއަށް އެހީވުމުގެ މި އިނީޝިއޭޓިވް ކުރިޔަށް ގެންދަން. އެގޮތުން މިކަން ކުރިޔަށް ގެންގޮސްދެއްވުމުގައި ދިރާގުން ވެދިން އެހީތެރިކަމަށްޓަކައި ދިރާގަށްވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން."
އިމާދުއްދީންގެ ޖުވެލް ސެންޓަރަކީ 2004 ވަނަ އަހަރުން ފެށިގެން އެސްކޫލުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ހާއްސަ ޔުނިޓެވެ. އަދި އެއީ އެފަދަ ކުދިންގެ އެންމެ ބޮޑު އާބާދީއެއް ތައުލީމް ހާސިލް ކުރަމުން އަންނަ ތަނެވެ. އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގެ ލީޑިން ޓީޗަރ ފައުޒިއްޔާ މުހަންމަދު ވިދާޅުވީ "ޒުވާން ކުދިންކޮޅެއް އިސްނަންގަވައިގެން މިފަދަ ކަމެއް ކުރެއްވީތީ އަޅުގަނޑުމެން ވަރަށް އުފާކުރަމެވެ. އަދި މި ފައިސާ އަކީ އަޅުގަނޑުމެންގެ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނާއި، ޓީޗަރުންގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް ހަރަދުކުރެވިގެންދާނެ ފައިސާ ކަމުގައި އަޅުގަނޑު ފާހަގަކުރަން ބޭނުމެވެ. މި ލަވައިގެ ސަބަބުން މުޖުތަމައުއަށް ދޭން ބޭނުންވި މެސެޖު ވަރަށް ރަނގަޅަށް ދެވިއްޖެކަމަށްވެސް އަޅުގަނޑު ޤަބޫލުކުރަމެވެ."
ދިރާގުން މި ލަވައިގެ ވީޑިޔޯ ޝެއަރ ކުރިތާ އެންމެ 6 ގަޑިއިރު ތެރޭގައި މި ވީޑިޔޯއަށް ވަނީ ދިރާގާއި ޑިޓިއުން އިން ކަނޑައެޅި 1000 'ލައިކް'ގެ ޓާގެޓް ހާސިލްވެފައެވެ.