ޚަބަރު

އޭޑީބީއާއި އޭއައިއައިބީގެ އެހީގައި ތިލަފުށީގައި ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


  • މި މަޝްވަރާތައް ކުރިއަށްގެންދިޔައީ މާލީ ވުޒާރާގައި

  • މަޝްވަރާތަކުގައި މާލިއްޔަތާބެހޭ ވަޒީރާއި ތިމާވެއްޓާބެހޭ ވަޒީރު ބައިވެރިވެވަޑައިގަތް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައިބީގެ އެހީގައި ތިލަފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ މާލީ ވުޒާރާގައެވެ. މި ބައްދަލުވުމުގައި މާލިއްޔަތާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭ.ޑީ.ބީއާއި އޭ.އައި.އައި.ބީގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނާއެކު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ދެ އިދާރާގެ އެހީގައި ކުރިއަށްގެންދާ ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓާއި، ގްރޭޓަރ މާލޭ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.


ހަމައެހެންމެ ތިލަފުށީގައި ކުރިއަށްގެންދާ ސޮލިޑް ވޭސްޓް މެނޭޖްމަންޓް އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުތަކަކީ މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުކޮށް ހަރުދަނާކުރުމަށް ހިންގާ މަޝްރޫޢުތަކެކެވެ.

މި ބައްދަލުކުރެއްވުމުގައި މާލިއްޔަތާބެހޭ ވަޒީރާއި، ތިމާވެއްޓާބެހޭ ވަޒީރުގެ އަރިހުގައި އެ ދެ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.