ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުން އަދިވެސް އެބަތިބިކަމަށާއި، އެމީހުންނާ ގުޅޭ މަޢުލޫމާތެއް އެނގޭނަމަ ދުރާލާ އަންގައި ދެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.
ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ރާއްޖެ ގެނެސްފައިވާތީ އެކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުން ތިބިކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބެމުން އަންނަކަމަށެވެ.
"ދިވެހިން ވިސްނަންޖެހޭ ހަގީގަތަކީ މިފަދަ އާއިލާތަކުން އެފަދަ ތަންތަނަށްގޮސް ޖެހޭ ހާލު. ފިރިހެންވެރިން ބައެއްފަހަރަށް މިކަހަލަ ކަންކަމުގެ ތެރޭގަ ނިޔާވެ އޭނާއާ އެކުގައި ގެންދާ އަނބިދަރިން ޖެހޭ ހާލު. އެ ތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު. އެ ތަނަށް ގޮސް އަދި ކިރިޔާ ހިނގާބިނގާވެ އުޅެވެން ފަށާ ކުދިންނަށް ޖެހޭ ހާލު. އެހެންކަމުން ދިވެހި އެއްވެސް ރައްޔިތަކު ތުއްތު މައުސޫމް ކުދިންނަށް އަދި އަންހެންވެރިންނަށް މިފަދަ ހާލު ނުޖެއްސުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވަނީ ހަނގުރާމައަށް ދިއުމަށް އެއްވެސް ވިސްނުމެއް ހުރި މީހަކު އެނގޭނަމަ ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"އާއިލާތަކަށް އަޅުގަނޑު އެދެން ރާއްޖެއިން މި ބޭބޭފުޅުން ފުރައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެން އެބޭފުޅުންނަށް ދޭންވާ އެހީތެރިކަން ދީފިކަމަށްވަންޔާމު އަޅުގަނޑުމެންނަށް މިބޭފުޅުން މިފަދަ ހާލުން ސަލާމަތްކުރެވިދާނެ." ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ނަމަވެސް އެ މައުލޫމާތުތަކަށް ނުބަލައި ކޮންމެސް މަޤްޞަދެއް ހާސިލްކުރުމަށް ހަނގުރާމައަށް ބައެއް މީހުންދާކަމަށާއި، އެއަށްފަހު ހާލުގައި ޖެހުމުން ދައުލަތުގައި އެނބުރި އަންނަން ބޭނުންވާކަމަށް އެމީހުން ބުނާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެގޮތަށް އެކަން ދިމާވިޔަސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރޭ ވަގުތުން އެބޭފުޅުން ރާއްޖެ ގެނައުމުގައި. ސަބަބަކީ ބައެއް ފަހަރަށް އެ ތިބޭ ތަންތަނަކީ އެ ތިބޭ ހިސާބުގެ ގޮތުން އަޅުގަނޑުމެންނަށް ފަސޭހައިން ވަދެ ނިކުމެ ހެދޭ ހިސާބުތަކެއް ނޫން. އެ ހިސާބުގައި އޮންނަ ސަރުކާރުގެ އިދާރާތަކާ އެހާ ފަސޭހައިން ވާހަކަ ދެކެވޭ ތަންތަނެއް ނޫން. އަދި އަޅުގަނޑުމެން ބޭނުންވިޔަސް ފަސޭހައިން އެހިސާބަށް އެހީތެރިކަންވެސް ފޯރުކޮށްދެވޭ ތަންތަނެއް ނޫން. އެހެންވީމަ މިފަދަ ހާލުގައި ޖެހުމުގެ ކުރިން ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ ވަރަށް މުހިންމު ކަމެއް." ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.
ތުރުކީބޯޑަރުކައިރިން ގެނައި 5 އާއިލާގެ ތެރެއިން ބައެއް މީހުންނަކީ އިންޑިއާއަށް ބޭސް ފަރުވާއަށްކަމަށް ބުނެ ދިޔަ އާއިލާތައްކަމަށް އިހްސާން ވިދާޅުވިއެވެ. އެ އާއިލާތަކަށް އެއީ އެކަހަލަ ކަމެއްގެ ފެށުންކަން ފަހަރުގައި ނޭނގިދާނެކަމަށާއި ދިއުމަށްފަހު އެއްގަމު މަގުން ނުވަތަ އެނޫންވެސް ގޮތަކުން ހަނގުރާމަވެރި ސަރަހައްދުތަކަށް އެތެރޭވާކަމަށް އިޙްސާން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފިކުރެއް ގެންގުޅޭނަމަ ދުރާލާ، އެމީހުން ފުރުމުގެ ކުރިން އެންގުމަށް އިޙްސާން އެދިވަޑައިގެންނެވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކު އެއްވެސް ޤައުމެއްގެ އެއްވެސް ސަރަހައްދެއްގައި ހާލުގައި ޖެހިފައި ތިބެއްޖަނަމަ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސަރުކާރުން އިސްކަންދޭނެކަމަށެވެ. ވަޒީރު ވަނީ މިފަދަ ކަންކަމުގެ އެއްވެސް ވިސްނުމެއް ހުރި މީހަކު އެނގޭނަމަ ދުރާލާ ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައަށް ގޮސްފައިވާ 100އަށްވުރެ ގިނަމީހުން އެބަތިބިކަމަށާއި، 90އެއްހާ މީހުން މިހާރުވެސް އަންނަން ބޭނުންވާކަން އެނގިފައިވާކަމަށެވެ.