ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓް ކުރުމުގެ މަޝްރޫޢެއް ފަށައިފިއެވެ.
ވާޓިކަލް ފާމިން ޕައިލެޓް ކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަަތަމަ 14 ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމާއި އެންމެ މުހިންމު އެއް މަޝްރޫއެވެ.
ރާޢްޖޭގައި ވާރޓިކަލް ފާމިން ފުޅާދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުން ގާއިމްކޮށްފައިވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާއި ވީސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދުއެވެ.
މިމަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާރ ސެންޓަރުގައި ތިން ވައްތަރެއްގެ ވާރޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕެއް ގާއިމްކުރެވޭނެއެވެ. އޭގެތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާރގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި ޕައިން އެޕަލް ޓަވަރ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވާރ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓުކުރުންތަކެވެ.
މި ސިސްޓަމްތަކުގައި އެންމެ ފުރަތަމަ ޓެސްޓުކުރުމަށް ހަމަޖެހިފައި ވަނީ އެކި ބާވަތުގެ ފަތާއި ތަރުކާރީ އާއި ތަފާތު ހާބްސްގެ ބާވަތްތަކެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. އަދި ވީސީ ގްރޫޕްގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.
މިމަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާރ ސެންޓަރުގައި މަސައްކަތްކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާރޓިކަލް ސިސްޓަމްތައް ދެނެގަނެ އެސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފްކޮށްދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރިއަށްހުރި ޕްރޮޖެކްޓްތަކުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.