ޚަބަރު

ސަރުކާރުގެ އިޤްތިޞާދީ ފިޔަވަޅުތަކަށް ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތަޢުރީފް


  • ސަރުކާރުގެ ސިޔާސަތުތަކުން އިޤްތިޞާދު ކުރިއަރާނެކަމަށް

  • ހެޔޮ އަގެއްގައި މުދާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް

  • ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިގެންދާނެ

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ތަޢުރީފް ކޮށްފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމްޢިއްޔާގެ ރައީސް ޝަހްމީދު ޢަބްދުﷲ ވިދާޅުވީ، ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކާމެދު އެ ޖަމްޢިއްޔާއިން ހިތްހަމަ ޖެހޭކަމަށެވެ. އަދި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މުސްތަޤުބަލަށް މުހިންމު އަދި ޤައުމުގެ އިޤްތިޞާދީ މުސްތަޤުބަލު އުޖާލާވާނެ ފިޔަވަޅުތަކެއްކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ސަރުކާރުން މިހާރު ނަންގަވަމުންދާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ދުރު މުސްތަޤުބަލުގެ އުޖާލާކަން އަޅުގަނޑުމެނަށް ފެންނަމުން އެބަދޭ." ޝަހްމީދު ވިދާޅުވިއެވެ.

ޝަހްމީދު ވިދާޅުވީ ވިޔަފާރިވެރިންގެ ތެރޭގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް މިހާރު އޮތް ދަތި ކަމަކީ ޑޮލަރުގެ ތާށިކަމާއި ޑޮލަރުގެ އަގު އުފުލިގެންދާ ދިއުމުގެ އިތުރުން ތަކެތީގެ އަގަށް އަންނަ ބަދަލުކަމަށެވެ.

ނަމަވެސް ސަރުކާރުން ނަންގަވަމުންދާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ، ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓި، އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި މުދާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށް ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ރައީސް ޝަހްމީދު ޢަބްދުﷲ ވިދާޅުވިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއަކީ ރާއްޖޭގެ ވިޔަފާރީގެ ސިނާޢަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.