ޚަބަރު

ރައްކާތެރިކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭ ފޯރަމެއް ފަށައިފި


  • ފޯރަމް ކުރިއަށްދަނީ މިމަހުގެ 15 އިން 18 އަށް ކްރޮސްރޯޑްސްގައި

  • ފޯރަމްގައި 80 ފަރާތަކުން ބައިވެރިވޭ

  • މުހިއްމު ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ

ރާއްޖޭގައި ރައްކާތެރިކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ގުޅޭގޮތުން ބާއްވާ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2024 ފަށައިފިއެވެ.

މިފޯރަމަކީ އޯޝަނަ ކަންޓްރީ ޕާރޓްނާޝިޕް ޕްރޮގްރާމް، އޯސީޕީޕީ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެމްވާރަމެންޓް އެންޑް އެނާރޖީއާ ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މިފޯރަމް ކުރިއަށް ގެެންދަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް ކްރޮސްރޯޑްސްގައެެވެ. ހަތަރު ދުވަހަށް ކުރިއަށް ގެންދާ މިފޯރަމްގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި އެންޖީއޯތަކާއި ބައިނަލްއަގްވާމީ ފަންނުވެރިން ހިމެނޭހެން ޖުމްލަ 80 ފަރާތަކުން ބައިވެރިވެއެވެ.

މިފޯރަމްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މުހިންމުކަމާއި އެހެން ގައުމުތަކުގައި މިފަދަ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލްކުރާ ގޮތްތަކާއި މި މަސައްކަތުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދާނޭކަމަށް ވުޒާރާއިން ބުނެއެވެ. އަދި ރާއްޖެފަދަ ކުދި ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކުން މިފަދަ މަޝްރޫތައް ފަށައިގެން ކުރިއަށް ގެންގޮސް އެފަދަ މަޝްރޫތަކަކީ ދެމެހެއްޓެނިވި މަޝްރޫތަކަކަށް ހެދޭނޭ ގޮތްތަކާއި މެދުވެސް މަޝްވަރާތައް ކުރިއަށްދާނޭކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ރައްކާތެރިކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ގުޅޭ ހާއްސަ ފޯރަމެއް ފަށާފައިވާއިރު، ރާއްޖޭގައި ގިނައިން ހިމާޔަތްކޮށްފައި ހުރީ ކަނޑުގެ ސަރަހައްދުތަކެވެ. ނަމަވެސް ބައެއް ރަށްވެސް ހިމާޔަތްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ތިމާވެއްޓާބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައި ހުރި ތަންތަނާއި ފިޝަރީސް މިނިސްޓްރީން ހިމާޔަތްކޮށް ފައި ހުރިތަންތަން ހިމެނެއެވެ.

ފިޝަރީސް މިނިސްޓްރީން ހިމާޔަތްކޮށްފައި ހުރީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ހިމާޔަތްކޮށްފައި ހުރި ތަންތަނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައިވަނީ ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަނެވެ.