މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރައްވާފައިވާ ވަގުތީ ނަތީޖާއާ އަޅާބަލާއިރު ދާއިމީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވަނީ މާލެ ސިޓި މޭޔަރުގެ ބައި-އިލެކްޝަނާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ ބައި- އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި- އިލެކްޝަނެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރެއްވި ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި މި ބައި-އިލެކްޝަންތަކުގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރިއިރު ތިން ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީންނެވެ. އެމްޑީޕީން ކާމިޔާބު ކުރީ މާލެ މޭޔަރު ގޮނޑިއާއި މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. ކޮންގްރެސް ޕާޓީން ކާމިޔާބު ކުރީ މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެވެ.
ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ.
މާލެ ސިޓީ މޭޔަރު އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު ވޯޓުލާފައިވަނީ 17،410 މީހުންނެވެ. އެއީ 31.84 އިންސައްތައެވެ.
މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކޮންގްރެސް ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ނިޡާމް ކާމިޔާބު ކުރެއްވީ 383 ވޯޓުންނެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދު 411 ވޯޓުން ކާމިޔާބު ކުރެއްވިއިރު މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދު ކާމިޔާބު ކުރެއްވީ 320 ވޯޓުންނެވެ.
މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ޒަޢީމާ ޢަބްދުއްރަޝީދު ކާމިޔާބު ކުރެއްވީ 243 ވޯޓުންނެވެ.
ހޮނިހިރު ދުވަހުގެ ބައި އިލެކްޝަންތަކުގައި ޖުމްލަ 56،002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު ވޯޓު ލާފައިވަނީ 32 އިންސައްތައެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ގޯސް އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.