ޚަބަރު

ޤައުމީ ލަފާދޭ ކޮމިޓީއަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަނީ


  • މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައި

  • މިދިޔަ ރިޔާސީ އިންތިޚާބުގައި ލޯފަން 45 މީހުން އަމިއްލައަށް ވޯޓުލި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއެއް ހޯދަން އިޢުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ހުރިހާ ޖަމިއްޔާތަކަށް، މިމަހުގެ 28ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެކަން ބަޔާން ކުރުމަށްފަހު އެޖަމިއްޔާއެއްގެ ޕްރޮފައިލް ފޮނުވަން އިލެކްޝަންސް ކޮމިޝަނުންވަނީ އެދިފައެވެ.

ކުރިން މި ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލުންނެވެ. ނަމަވެސް، މިފަހަރު ޖަމިއްޔާތަކަށް ހުޅުވާލީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފުރުސަތުދީ ޝައުގުވެރިކަން ހުރި ޖަމިއްޔާތަކަށްވެސް ފުރުސަތު ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗްމަހުގެ 17 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމް މުޅިން އަލަށްވަނީ ހަމަޖައްސާފައެވެ. މިއިންތިޒާމް ހަމަޖެއްސީ ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުން ކޮށްގެންނެވެ. މިޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހުން ވޯޓުލިއެވެ.