ޚަބަރު

ބައި-އިލެކްޝަންގެ ވޯޓުލާ ވަގުތު ހަމަވެ، ކިއުތަކާއި ބައެއް ފޮށިތައް ބަންދުކޮށްފި


  • ވޯޓުލުމަށް ކަނޑައަޅާފައިވަނީ ހަވީރު 5.00 ޖަހަންދެން

  • އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވޭ

  • މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ބެހެއްޓި

މާލެ ސިޓީގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތުހަމަވެ، ކިއުތައް ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ކަނޑައަޅާފައިވަނީ ހެނދުނު 08:00އިން ހަވީރު 05:00އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި ވޯޓު ގުނަން ފަށާނީ 17:30ގައި ކަމަށެވެ.

މިއިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް މިއަދު ވަނީ ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މިރޭ 8 ޖަހާއިރު ވަގުތީ ނަތީޖާ އިޢުލާން ކުރެވޭނެ ކަމަށެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.