މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އިތުރު ތިން ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިރޭ 20:00 ގެ ކުރިން އިޢުލާން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަދު ހަވީރު 17:00 އާ ހަމައަށް ކިޔޫތައް ބަންދުކުރާނެ ކަމަށާއި އެވަގުތު މާބޮޑު ކިޔޫއެއް ނެތްނަމަ 17:30 ހާއިރު ވޯޓު ގުނުމުގެ މަސައްކަތް ފަށައި ރޭގަނޑު 20:00 ގެ ކުރިން ވަގުތީ ނަތީޖާ އިޢުލާން ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު މިކުރަނީ ހަތެއް އަށެއް ޖަހަން ވާއިރަށް އަޅުގަނޑުމެންނަށް ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް. އެއީ ގުނުން މާލޭގައި ފަށާނެ 17:30 ގައި. އާއްމުކޮށް ގަޑިއެއް ދެގަޑިއިރެއްގެ ތެރޭގައި ގުނުން އެއްކޮށް ނިންމާލެވޭނެ. އެހެންވީމަ ހަތެއް ނުވަތަ އަށެއް ޖަހާއިރު މާލޭގައި މިބޭއްވުނު ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ ޔަގީނުންވެސް ރައްޔިތުންނާ ހަމައަށް ލިބޭނެ،" ޒަކަރިއްޔާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިހާތަނަށް އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ވަރަށް އަމާން ކަމާއެކުގައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވޯޓުލާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ވޯޓުލާން ކަނޑައަޅާފައިވާ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި ޒަކަރިއްޔާ ވަނީ އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް ކުރިން ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެދިވަޑައިގެންފައެވެ. އަދި މިއަދު މާލެ ސިޓީ މޭޔަރު ހޮވުމަށް އިންތިޚާބު ކުރިއަށްދާއިރު މާލޭގެ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަނުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.