ޚަބަރު

އިއްޔެ މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހުނު


  • މާލެއަށް އިއްޔެ 159.3 މިލިމީޓަރުގެ ވާރޭ ވެހުނު

  • އަތޮޅުތެރޭން އެންމެ ގިނައިން ވާރޭ ވެހުނީ ކ.ކާށިދޫއަށް

  • ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު ކުޑަކަމަށް ލަފާކުރޭ

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މާލެ ސަރަޙައްދަށް ޖުމްލަ 408.1 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އެ ގޮތުން މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހުނުއެވެ. ދެވަނައަށް އެންމެ ގިނައިން ވެހުނީ ހުޅުލެއަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވި ގޮތުގައި އަތޮޅު ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ.ކާށިދޫއަށާއި އދ.މާމިގިލިއަށެވެ. އެ ގޮތުން ކާށިދޫއަށް 68.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި މާމިގިއްޔަށް 62.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އިއްޔެ ކުރި ވިއްސާރާގައި މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެތަކަށް ފެންވަދެ ހިފައިގެންގުޅޭ ސާމާނަށް ގެއްލުންވެފައިވެއެވެ. ފެންބޮޑުވުން ހުއްޓުވުމަށް ބައުޒަރާއި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 31ގައި ވެސް މާލެއާއި އަތޮޅު ތެރެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވެއެވެ. އެ ފަހަރު މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހުމުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ މޭޔަރާއި ކައުންސިލް ބައި-އިލެކްޝަންތަކުގެ ވޯޓުލާ ވަޤުތު އެއް ގަޑިއިރަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކުރައްވާފައެވެ.