ޚަބަރު

"ޕެޓް ކެއަރ ފެސިލިޓީ" ޤާއިމްކުރަނީ ހުޅުމާލޭ ފޭސް 2ގެ ފަރުކޮޅުފުށި ސަރަހައްދުގައި


  • މިފެސިލިޓީއާއެކު މާލޭގައި ބުޅާ ގިނަވާ މައްސަލައަށް ހައްލެއް ލިބޭނެ

  • ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2ގެ ފަރުކޮޅުފުށި ސަރަހައްދުގައި

  • އަމާޒަކީ ހަފްތާ-14 ނިމުމުގެ ކުރިން މިފެސިލިޓީ ހުޅުވުން

"ޕެޓް ކެއަރ ފެސިލިޓީ"އެއް އެޅުމަށް ހުޅުމާލެއިން ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢިލް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމްކުރެވުމާއެކު، މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޕެޓް ކެއަރ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމްކުރުމަކީ ފެށުމެއްކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ފެސިލިޓީތައް ޤާއިމްކުރުން ކަމަށް ޙުސައިން އިސްމާޢިލް ވިދާޅުވިއެވެ.

"މިފަދަ ފެސިލިޓީއެއް މާލޭގައި އެޅުމަކީ ފެށުމެއް. ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ދެމިގެންދާގޮތަށް، މިފަދަ ފެސިލިޓީތައް ޤާއިމްކުރުން." ޙުސައިން އިސްމާޢިލް ވިދާޅުވިއެވެ.

މިފެސިލިޓީއަކީ މާލެ ސިޓީ ކައުންސިލްގެ ދަށުން ހަދާ ތަނެއްކަމަށާއި، އަންނަ ހަފްތާގައި ސިޓީ ކައުންސިލާއި މަސައްކަތް ހަވާލުކުރައްވާނެ ކަމަށްވެސް ހުސައިން އިސްމާޢިލް ވިދާޅުވިއެވެ. އަދި އަމާޒަކީ ހަފްތާ-14 ނިމުމުގެ ކުރިން ފެސިލިޓީ އަޅާ، ޢާންމުންނަށް ހުޅުވާލުން ކަމަށް ޙުސައިން ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ޑިރެކްޓަރ ފާތިމަތު ޝިއުނީއެވެ.

ޕެޓް ކެއަރ ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. ޕެޓް ކެއަރ ފެސިލިޓީއަކީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ "ޕެޓް ކެއަރ ފެސިލިޓީ"އެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައިވަނީ ހިމަނާފައެވެ.