ޚަބަރު

ރައީސްގެ ދެކަނބަލުން ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި


  • ކޮމިއުނިސްޓް ޕާޓީގެ ތާރީޚު ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތަށް ތަޢުރީފު ކުރެއްވި

  • ދާރުލްއާސާރުން ކޮމިއުނިސްޓް ޕާޓީގެ ތާރީޚު ފެންނަން ހުރިކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން އެ ދާރުލްއާސާރަށް ޒިޔާރަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ދާރުލްއާސާރުގެ މެހެމާނުންގެ ފޮތުގައި ރައީސްގެ ދެކަނބަލުން ވަނީ ސޮއިކުރައްވާފައެވެ.

މެހެމާނުން ސޮއި ކުރާ ފޮތުގައި ސޮއި ކުރައްވައި ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚު އެނގޭގޮތަށް ދާރުލްއާސާރުގައި ފެންނަން ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެ ތާރީޚު ރައްކާތެރި ކުރުމަށް ކޮށްފައިވާ މަސައްކަތަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.


ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދާރުލްއާސާރުގެ އޮފިޝަލުން ވަނީ ދާރުލްއާސާރާ ގުޅުންހުރި މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ޗައިނާގެ ތާރީޚާއި ސަގާފަތާ ގުޅުންހުރި ތަކެތި ރައީސްގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިއްޔެ ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅުގައި ދައުލަތުގެ ވަޒީރުން ހިމެނޭހެން އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެއެވެ.