ޚަބަރު

ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތްކުރަންޖެހޭ ވަގުތު މަދުކޮށްފި


  • މަސައްކަތް ކުރާ ގަޑި ހަފުތާއަކު 35 އަށް ވަނީ ބަދަލުކޮށްފައި

  • ޖަލު އޮފިސަރުންގެ މަސައްކަތު ވަގުތަށް ބަދަލެއް ނާދޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު މަދުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ކަރެކްޝަންސްގެ ވަޒީފާއާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުކޮށްފައެވެ. އެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު 35 ގަޑިއިރުއެވެ. ކުރިން އޮންނަ ގޮތުން އެ ފަރާތްތައް މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު 40 ގަޑިއިރުއެވެ.

ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތަށް ބަދަލު ގެނައި ނަމަވެސް ޖަލު އޮފިސަރުން މަސައްކަތް ކުރަން ޖެހޭ ވަގުތަށް ބަދަލެއް ނުގެނެއެވެ. ޖަލު އޮފިސަރުން އަދިވެސް މަދުވެގެން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރަން ޖެހެއެވެ.

އެހެން މުވައްޒަފުންނާ އެއްގޮތަށް އިދާރީ މަސައްކަތް ކުރާ ޖަލު އޮފިސަރުންގެ ވެސް މަސައްކަތު ވަގުތު ވަނީ މަދުކޮށްފައެވެ. އެ އޮފިސަރުންވެސް މަސައްކަތް ކުރަން ޖެހޭނީ މަދުވެގެން ހަފުތާއަކު 35 ގަޑިއިރުކަމަށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.