ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކުރާ މީހުންގެ އަތުން 5000 ރުފިޔާ ނެގުން ހުއްޓާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިނަދޫ ކައުންސިލަށް އަންގަވައިފިއެވެ.
އެލްޖީއޭއިން މިގޮތަށް އަންގަވާފައިވަނީ ހޯމަދުވަހު ތިނަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ. އެގޮތުން އެލްޖީއޭއިން ފޮނުވި ސިޓީގައި އެފަދަ ފީއެއް ރައްޔިތުންގެ އަތުން ނެގުމަށް އޮންނަ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާނަމަ އެ ފީ ނުނެގޭނެކަން ވަނީ ބަޔާންކުރައްވާފައެވެ.
ތިނަދޫ ކައުންސިލުން އާދީއްތަ ދުވަހު ގެޒެޓުކޮށްފައިވާ އިޢުލާނެއްގައި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ތިނަދޫ ސިޓީގެ ރަށް ވެހިކަން ދޫކޮށް އެހެން ރަށް ރަށަށް ރަށްވެހިކަން ބަދަލު ކޮށްދިނުމުގެ އިދާރީ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނަގަން ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތަށް ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމުން އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާނެކަމަށް ފާހަގަކުރެވޭތީ ކަމަށްވެސް އެ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.
މި ނިންމުމާ ގުޅިގެން އެލްޖީއޭއިން ތިނަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްގު ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާ ކަމަށެވެ. އެ ޙައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޢާރަޒުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި، އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުޞަތު ދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރެއްވިއެވެ.
ރަށްވެހިކަމުން ވަކިކުރުމަށާއި، ރަށްވެހިކަމަށް ޖެއްސުމަށް ފީއެއް ނަގާނަމަ އެ ފީ ނަގަން ޖެހޭނީ ރައްޔިތުންނާ މަޝްވަރާކޮށް، އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިން ގެޒެޓުކޮށްފައިވާ ގަވާއިދެއްގެ ދަށުން ކަމަށް އެލްޖީއޭއީން ވިދާޅުވެއެވެ. އެއާ ޚިލާފަށް ފީ ނަގަމުންދާނަމަ އެ ފީ ނެގުން ހުއްޓާލުމަށް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން އެފަދަ ފީއެއް ނެގުމާ ބެހޭގޮތުން ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށް، ގަވާއިދެއް އެކުލަވާލާފައިވާނަމަ އެ ގަވާއިދުގެ ކޮޕީއާއި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އަދި ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ހުށަހެޅުމަށްވެސް އެލްޖީއޭއިން ވަނީ ތިނަދޫ ކައުންސިލަށް އަންގަވާފައެވެ.