ޚަބަރު

އިންވެސްޓް މޯލްޑިވްސްއިން އުފެދޭ ގުޅުންތައް މަޝްރޫއުތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން: ވަޒީރު ސަޢީދު


  • ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް

  • ފޯރަމުގައި އުފެދޭ ގުޅުމުގެ ފައިދާ ކުރިއަށް އޮތް އަހަރުތަކުގައި ފެނިގެންދާނެ

  • ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ތަރައްގީގެ ވިސްނުންހުރި ސަރުކާރެއް

  • މި ފޯރަމުގައި 300 އެއްހާ ވިޔަފާރި ބައިވެރިވޭ

ޗައިނާގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ދިވެހި ވިޔަފާރިތަކާއި ޗައިނާ ވިޔަފާރިތައް ބައްދަލުވެ އުފެދޭ ގުޅުންތައް ކުރިއަށް އޮތްތަނުގައި މަޝްރޫއުތަކަށް ބަދަލުވެ ޤައުމަށް ފައިދާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިންވެސްޓް މޯލްޑިވްސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ އަހަރުތަކެއްވީ ގުޅުމަކަށްވީ ނަމަވެސް އެގުޅުމުގެ އައު ދައުރެއް ފެށުނީ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހުގައި ކަމަށެވެ. އެ ގުޅުމަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ ހިއްސާވެފައިވާކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވީ ސިނަމާލެ ބްރިޖާއި ލ.އަތޮޅު ކޯޒްވޭ އާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ދެ ޤައުމުގެ ދެމެދު ވެފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމަކީވެސް ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ދިވެހިންނާ ގުޅުހުންހުރި މުހިންމު މަޝްރޫއުތައް ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތްތަނުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވުރު ދައްކުވައިދޭ އަދި ޕްރައިވެޓް ސެކްޓަރއަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހާމަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ފޯރަމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި ފޯރަމުގައި ޗައިނާގެ ގިނަ އަދަދެއްގެ ވިޔަފާރިތައް ބައިވެރިވުމަކީ ރާއްޖެއާ މެދު އެފަރާތްތަކަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ފޯރަމުގައި ލިބޭ ޚިޔާލުތަކާއި އުފެދޭ ގުޅުންތައް މަޝްރޫއުތަކަށް ބަދަލުވެ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެގެ އިގްތިސާދީ ހަރަކާތްތަކުގެ 80 އިންސައްތަ ބޭރުގެ އިންވެސްޓަމަންޓުތަކަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ތަރައްގީގެ ވިސްނުންހުރި ސަރުކާރެއް ކަމަށެވެ.

ޗައިނާގައި ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމީ މިސަރުކާރުން ބާއްވާ އިޤްތިޞާދާ ގުޅުންހުރި ބައިނަލްއަގުވާމީ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި 300 އެއްހާ ވިޔަފާރިތަކުން ބައިވެރިވެއެވެ.