މާލޭ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގިނަ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ތަންފީޒުކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަގަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރިއަށްގެންދެވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދެއްވުމުގެ މަސައްކަތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ ތަރައްޤީ ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ކަންކަންކުރައްވާ ގޮތް ނަމޫނާއަކަށް ބައްލަވައިގެން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މާލޭ ސިޓީގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ބައެއް ކަންތައްތައް މަޖިލީހުގެ އޮތް ބާރުގެ ތެރެއިން ނުކުރެވި ހުރިކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މިއިން ކޮންމެ ކަމެއްވެސް ކުރެވެން އަންނަނީ ފައިސާގެ އިތުރުން ޤާނޫނީ އިމުގެ ތެރެއިން ބާރުލިބިގެން ކަމަށެވެ.
ނައިބު ރައީސްގެ ވާހަކައިގައިވަނީ ޤައުމުގެ އެންމެ މަތީ ގިންތީގައި، ގޮތްނިންމާ ލެވެލްގައި އަންހެނުންނަށް ފުރުސަތުދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. އެގޮތުން މިފުރުސަތު އަންހެނުންނަށް ލިބުމުން މުޖްތަމަޢު ބޭނުންވާ ކަންކަމުގައި އަންހެނުންގެ އަޑު ހުއްޓުމަކަށް ނައިސް ގުގުމަމުންދާނެކަން ފާހަގަކުރެއްވިއެވެ.