ޚަބަރު

ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ދައްކާލައިފި


  • މިއީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން އަންނަ ދިވެހިން ރިހެބިލިޓޭޓް ކުރާ މަރުކަޒު

  • އެއްފަހަރާ 72 މީހުންނަށް ޚިދުމަތް ދެވޭނެ

  • 5 އާއިލާއަށް އެއް ފަހަރާ ޚިދުމަތް ދެވޭނެ

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ (އެންއާރުސީ) ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފިއެވެ.

އެ ސެންޓަރުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވީ އެންއާރުސީގެ ޑިރެކްޓަރ ޖެނެރަލް އަންވަރު ނަޢީމެވެ. އެގޮތުން، ހަނގުރާމަކުރަމުންދާ ސަރަޙައްދުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަ ބޭނުންވެފައި ތިބި ފަރާތްތައް އެ ސެންޓަރަށް ގެނެސް ރިހެބިލިޓޭޝަން ފަރުވާދިނުމުގައި ސެންޓަރުގައި ކަންކަން ކުރިއަށްދާގޮތް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.

އަންވަރު ވިދާޅުވި ގޮތުގައި ހަނގުރާމަކުރާ ސަރަޙައްދުތަކުގައި ތިބި ދިވެހިން ރާއްޖެއަށް އަންނަ ބޭނުންވެ، އެކަން އެ ސެންޓަރަށް އެންގުމުން އެންމެ ފުރަތަމަ އެއީ ދިވެހިންކަން ޔަޤީންކުރުމަށް އެ ފަރާތްތަކުގެ ޑީއެންއޭ ޓެސްޓުތައް ހަދާނެއެވެ. އަދި އެއަށްފަހު އެ ފަރާތްތަށް ރާއްޖެ ގެނެސް އެންއާރުސީގައި ބައިތިއްބައިގެން 30 ދުވަހުގެ އެސެސްމަންޓެއް ހަދައި ކޯޓަށް އެ އެސެސްމަންޓް ހުށަހަޅައި ކޯޓުން ދޭ މުއްދަތަކަށް ޕްރޮގްރާމް ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ގެންނަ ފަރާތްތައް ބޭތިއްބުމަށް އެންއާރުސީގައި ހަތަރު ބްލޮކެއް ވަނީ ހަދައިފައެވެ. މީގެ ތެރެއިން އެއް ބްލޮކް އަންހެނުންނަށް ހާއްސަކޮށްފައިވާއިރު އެއް ބްލޮކް 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް، އެއް ބްލޮކް 18 އަހަރުން މަތީގެ ފިރިހެނުންނަށް އަދި އެއް ބްލޮކް އާއިލާތަކަށް ވަނީ ޚާއްސަކޮށްފައެވެ. މި ސެންޓަރުން އެއް ފަހަރާ 72 މީހުންނަށް އަދި 5 އާއިލާއަށް ފަރުވާފޯރުކޮށްދެވޭނެއެވެ.

މިގޮތަށް ގެންނަ ފަރާތްތައް 24 ގަޑިއިރު މޮނިޓަރ ކުރެވޭނެ އިންތިޒާމް އެންއާރުސީގައި ވަނީ ހަމަޖެހިފައެވެ.

އެ ސެންޓަރުގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ފަރުވާދިނުމަށް ތެރަޕީ ރޫމުތަކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން، ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން ބޭނުންވާ އެހީތެރިކަމާއި ދީނީ ގޮތުން ސައްޙަ މަޢުލޫމާތު ފަރުވާ ހޯދާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި ކުޑަކުދިން ކުޅުމަށް ޚާއްސަ ކޮޓަރިއަކާއި ލައިބްރަރީއެއްވެސް އެ ސެންޓަރުގައި ވަނީ ޤާއިމުކޮށްފައެވެ.

މީގެ އިތުރުން އެތަނަށް އަންނަ ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށް ހިންމަފުށީ ސްކޫލް ޓީޗަރުން މެދުވެރިކޮށް ސެންޓަރުގައި ކްލާސްތައް ނެގުމާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވޮކޭޝަނަލް ތަމްރީނުތައްވެސް ފޯރުކޮށްދޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ކުދިންގެ އުމުރާ ގުޅޭ ގްރޭޑަކާ އެއް ލެވެލަކަށް ތަޢުލީމު އުނގެނުމުން އެ ރަށު ސްކޫލަށް ގެންދާނެކަމަށް އަންވަރު ވިދާޅުވިއެވެ.

އެންއާރުސީގައި މީގެ ކުރިން އާއިލާއެއް ވަނީ ރީއިންޓެގްރޭޓް ކޮށްފައެވެ. އެ އާއިލާ އަނބުރާ މުޖުތަމަޢަށް ނެރެފައިވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް އަންވަރު ވިދާޅުވިއެވެ.