ޚަބަރު

ސަރުކާރު މަޤާމުތަކުގައި ތިބެ އިންޑިއާއަށް ކުޑައިމީސްވާގޮތަށް ޕޯސްޓް ކުރި ފަރާތްތައް ސަސްޕެންޑްކޮށްފި


  • ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވަނީ އަމިއްލަ ޚިޔާލުތަކެއް

  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއެކު ބޭނުންކުރަން ގޮވާލި

  • ޤައުމުތަކާމެދު އޮންނަ ގުޅުމަށް ހީނަރުކަން އަންނަފަދަ ކަންކަން ނުކުރުމަށްވެސް ގޮވާލި

ސަރުކަރު މަޤާމުތަކުގައި ތިބެ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ޕޯސްޓް ކުރި ފަރާތްތައް ސަސްޕެންޑްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން ޕީއެސްއެމް ނިއުސް އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަފަދަގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމަށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބައެއް ލީޑަރުންނާއި އޮފިޝަލުންނަށް އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި އަމަލުކޮށްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކުގެ އަމިއްލަ ޚިޔާލާއި ވިސްނުންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

ސަރުކާރުން ގަބޫލުކުރައްވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުގޮތެއްގައި ކަމަށާއި، ނަފުރަތާއި ފިތުނަ އުފެއްދުމަށް ނުވަތަ ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނަގޮތަށް ޢަމަލުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤައުމުތަކުގެ ލީޑަރުންނާއި އޮފިޝަލުންނާމެދު އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.