ޚަބަރު

އިންތިޚާބުތަކުގައި އޮފިޝަލުން މަދުކުރުމަށް އީސީން ބަދަލުތަކެއް ގެންނަނީ


  • ބައެއް ކަންކަން އޮޓޯމޭޓްކުރަން ވަނީ ނިންމާފައި

  • ކުރިއަށް ހުރި ބައި އިލެކްޝަންތަކުގައި ބަދަލުތައް ޓެސްޓް ކުރާނެ

  • އޮފިޝަލުން މަދުވެ، ބަޖެޓަށް ވެސް ލުއި ލިބޭނެ

އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި އެ ބަދަލުތައް ޓެސްޓް ކުރުމަށް ނިންމަވާފައިވާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުތަކުގައި އޮފިޝަލުން ލިބުމުގައި ދަތިތަކާ ދިމާވާކަން އަބަދުވެސް އީސީން ފާހަގަކުރެއެވެ. މިއީ އެ އިންތިޚާބަކަށް ކަނޑައަޅާފައި އޮންނަ ބަޖެޓަކުން ކަންތައްތައް މެނޭޖު ކުރުމަށް މަސައްކަތް ކުރުމުން ދިމާވާ ދަތިތައްކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އޮފިޝަލުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އިދާރީގޮތުން ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ބައި އިލެކްޝަންތަކުގައި ބައެއްކަންކަން އޮޓޯމޭޓެޑްކޮށް، އޮފިޝަލުން މަދުކުރުމަށް ޓެސްޓުތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންތިޚާބީ ނިޒާމް ރޭވިފައި އޮންނަގޮތުން ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ އަދަދު ވަކިވަކި މަސްއޫލިއްޔަތުތައް ވަކިވަކި އޮފިޝަލުން އައްޔަން ކުރަން މިޖެހެނީ. އެހެންވެ އަޅުގަނޑުމެން މިހާރު މިބަލަނީ ކޮބައިތޯ އޮފިޝަލުން މަދުކުރެވޭނެ ގޮތްތަކަކީ. އަޅުގަނޑުމެންގެ އިލެކްޓޯރަލް ޕްރޮސެސްގައި ކޮބައިތޯ އޮޓޯމޭޓް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ. އެހެންވެ އޭގެ ޕްރޮޓޯޓައިޕް އަޅުގަނޑުމެން ކުރިއަށްއޮތް ބައި އިލެކްޝަންތަކުގައި ބޭނުންކުރަމުންދާނަން،" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، އީސީން ގެންނަން ނިންމަވާފައިވާ ބަދަލުތަކާއެކު އޮފިޝަލުން ބޭނުންވާ އަދަދު މަދުވެ، ބަޖެޓަށްވެސް ލުއިވެގެންދާނެއެވެ.

އިންތިޚާބުތަކުގައި އޮފިޝަލުން ލިބުމުގައި ދަތިތައް ހުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަނުގައި އޮފިޝަލުން ލިބުމުގައި ދަތިކަމެއް ނެތްކަން އީސީން ފާހަގަކުރައްވައެވެ. އެ ބައި އިލެކްޝަނަށް 550 އޮފިޝަލުން ބޭނުންވާއިރު މިހާރު ވެސް 750 މީހުން އެ މަގާމުތަކަށް އެދި ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.