ޚަބަރު

ވަޒީރު ޑރ. ޝަހީމް މައްކާގައި ތިބި ޢުމްރާވެރިންނާއި ބައްދަލުކުރައްވައިފި


  • މައްކާގައި ތިބި ދިވެހި ޢުމްރާވެރިންނާއި ބައްދަލުކުރެއްވި

  • ޙައްޖު ކޯޕަރޭޝަނުންދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރާނެކަމަށް ވިދާޅުވި

  • މި މަސައްކަތުގައި އެ ވުޒާރާއިން އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ދެއްވި

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ދިވެހިންނާއި ބައްދަލުކުރައްވައިފިއެވެ.

އެފަރާތްތަކާއި ބައްދަލުކުރައްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށްދާ ހައްޖުވެރިންނާއި ޢުމްރާވެރިންނަށް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ވުޒާރާއިން މަސައްކަތްކުރާނެކަމަށެވެ.

"ޙައްޖާޖީންނާއި ޢުމްރާވެރިންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދުދެއްވާފަ. އެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިކަންތައްތައް ވަރަށް ގާތުން ބަލާ އަޅުގަނޑުމެން މިދަނީ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްކުރަމުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޢުމްރާވެރިންނާއި ހައްޖުވެރިންނާއި ބައްދުލުރެވުމަށް މައްކާއަށް ކުރެއްވި ޒިޔާރަތުގައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ގޮސް ތިބި ދިވެހިންނާއި ބައްދަލުކޮށް އެފަރާތްތަކުގެ ޝުޢޫރުތައް އަޑުއައްސަވާފައެވެ.

މީގެ އިތުރުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް އައިސް ތިބި އެންމެހާ ދިވެހި ރައްޔިތުންގެ ޢުމްރާ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާ ހެޔޮ ސިއްޙަތެއްގައި އެނބުރި ރާއްޖެއަށް އައުމުގެ ތައުފީޤު މިންވަރުކުރެއްވުމަށް އެދި އުންމީދުކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.