ޚަބަރު

ހަފުތާއެއްގެ ތެރޭގައި ސަބުދެލި މަގު ހުޅުވަން މަސައްކަތް ފަށައިފި


  • އެމަގު ބަންދު ކުރިތާ 7 އަހަރު ވަނީ ވެފައި

  • މިހާރު ކުރަނީ ސާފުކުރުމުގެ މަސައްކަތް

  • ގައު އަތުރާ ސްޓޯމް ވޯޓަރ ގާއިމުކުރާނެ

ހިރިޔާ ސްކޫލާއި ސޯޝަލް ސެންޓަރާ ދެމެދު ބަންދުކޮށްފައިވާ ސަބުދެލި މަގު ހުޅުވުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ.

ސަބުދެލި މަގު ސާފު ކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު އެސަރަހައްދަށް ޒިޔާރަތް ކުރައްވާ މަސައްކަތް ކުރިއަށްދާގޮތް
ބައްލަވާލައްވާފައެވެ.

ސަބުދެލި މަގު ބަންދުކޮށްފައި އޮންނަތާ ހަތް އަހަރު ވަނީވެފައެވެ. އެމަގު ބަންދުކުރީ ލަގްޒަރީ އެޕާޓްމަންޓުތަކެއް އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ފަށާފައިނުވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ސަބުދެލި މަގު ހުޅުވަން ނިންމެވީ އަމީނީ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވުމުން ކަމަށެވެ. އެ މަގު މިހާރު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ގައު އެތުރުމުގެ މަސައްކަތާއި ސްޓޯމް ވޯޓަރ ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ އެވުޒާރާއިން މަސައްކަތް ކުރަމުންދަނީ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ މަގު ހުޅުވުމަށް ކަމަށެވެ. އެގޮތުން، ހަފުތާއެއްގެތެރޭގައި މަގު ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.