މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައެވެ.
މި ހަފުތާގައި މަޖިލިސް އިންތިޚާބުގެ ތާރީހު އިޢުލާން ކުރައްވަން އީސީން ނިންމެވީ އެ ކޮމިޝަނުގެ އިންތިޚާބާގުޅޭގޮތުން ބޭއްވި ޖަލްސާއިންނެވެ. އެ ޖަލްސާގައި މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާއްމު ކުރުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ، އިންތިޚާބު އަވަސް ކޮށްދެއްވުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހުވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ.
އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގައި ވޯޓުލާންދާ މީހުންގެ އަދަދު މަދުނުވާނެ ގޮތަކަށާއި އޮފިޝަލުން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ރިއާޔަތް ކުރައްވާނެކަމަށް ހަބީބު ވިދާޅުވިއެވެ.
ރަމަޟާންމަހަށްފަހު މަޖިލިސް އިންތިޚާބު ބާއްވަން ގޮންޖެހުންތައް ދިމާވާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވުމުން ޢީދާއެކު ގިނަ ދުވަސްތަކެއް ބަންދުވެ، އިދާރީ މަސައްކަތްތަކުގައި ދަތިތަކާ ދިމާވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ. އިތުރު 6 ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމީ އާބާދީއަށް ބެލުމަށްފަހުއެވެ. އެގޮތުން އަލަށް މާލެ ސިޓީއަށް ދެ ދެ ދާއިރާ، އައްޑޫ ސިޓީއަށް ދާއިރާއެއް، ބ އަދި ލ. އަތޮޅަށް ދާއިރާއެއް އަދި ގއ. އަތޮޅަށް ދާއިރާއެއް އިތުރުވެއެވެ.
މަޖިލިސް އިންތިޚާބުގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ސިޔާސީ ޕަޓީއަކުންވެސް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ގިނަ ޕާޓީތަކުން މިހާރު ވަނީ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ޕާޓީތަކުން އަންނަނީ ތައްޔާރުވަމުންނެވެ.