ޚަބަރު

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި


  • 42 ސްކޫލަކުން 120 ދަރިވަރުން ބައިވެރިވި

  • 3 ޤައުމަކުން 16 ކެޑޭޓުން ޒިޔާރަތްކުރި

ސްކޫލްތަކުގެ ކެޑޭޓުންނަށް ބޭއްވި 23 ވަނަ ޤައުމީ ކެޑޭޓް ކޭމެޕް ނިންމާލައި ޕާސިންގ އައުޓް ޕެރޭޑު ބާއްވައިފިއެވެ.

ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 42 ސްކޫލަކުން 120 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުން ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 24 ޑިސެމްބަރު 2023 އިން ފެށިގެން 3 ޖެނުއަރީ 2024އާ ހަމައަށް ކުރިއަށްގެންދިޔައިރު މި ކޭމްޕަށް އިންޑިއާ، ސްރީލަންކަނާ އަދި ނޭޕާލް ހިމެނޭހެން 16 ކެޑޭޓުން ވަނީ ޒިޔާރަތްކޮށްފައެވެ.

ޕާސިންގ އައުޓް ޕެރޭޑު ރަސްމިއްޔާތުގައި، ކޭމްޕުގެ ވަނަވަތަކަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ވަނީ ހަވާލުކޮށްފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ކެޑޭޓް ކޭމްޕްގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ވަނީ ބައިވެރިންނަށް ކިޔަވައިދީފައެވެ. މި ކޭމްޕްގައި ކިޔަވާދެއްވީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.

ޤައުމީ ކެޑޭޓް ކޭމްޕަކީ، އެ ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޭމްޕެކެވެ.

ކެޑޭޓުންގެ މެދުގައި ދީނީ، ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުމަކީ ވެސް މި ކޭމްޕުގެ މަގުސަދެކެވެ.

މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ޙިލްމީ އާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޣިޔާޘް އާއި ކެޑޭޓް ކޯރގެ އެޖުޓަންޓް ލެފްޓިނެންޓް ކާނަލް މުޙައްމަދު ނާޒިމްއާއި، ކޭމްޕްގެ ކޮމާންޑަރ މޭޖަރ އަޙްމަދު ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ.