ޚަބަރު

އެމެރިކާއާއެކު އަސްކަރީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

  • ގުޅިގެން މަސައްކަތް ކުރެވޭ ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި

  • ރާއްޖެއިން އެމެރިކާއާއެކު ޚާރިޖީ ގުޅުން ޤާއިމުކުރީ 1965 ގައި

އެމެރިކާއާއެކު އަސްކަރީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ވަޒީރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން، އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކަށް އަހަލުވެރި ކުރުވުމާއި ޑިމްކްރަސީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ މުހިންމު ގުޅުމެއްކަން ބްލިންކަން ފާހަގަކުރެއްވިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ އުގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެމެހެއްޓުމަށް އެމެރިކާއިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާއި އެމެރިކާއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ޒަމީރު ވަނީ ބްލިންކަންއަށް ދެއްވާފައެވެ.

ދިވެހިރާއްޖެއިން އެމެރިކާއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 10 ނޮވެމްބަރު 1965 ގައެވެ. މިއަހަރު މި ގުޅުމަށް 59 އަހަރު ފުރޭނެއެވެ.